ހޭންޑްބޯޅަ

ޤަވާއިދު

މިއީ ށ. މިލަންދޫ ކައުންސިލުން އިންތިޒާމުކުރާ މިލަންދޫ ކައުންސިލް ކަޕް 2026ގެ ހޭންޑްބޯޅަ މުބާރާތަށް ތައްޔާރުކޮށްފައިވާ ހިންގާ ޤަވާއިދެކެވެ.

މިޤަވާއިދު ކުޅުންތެރިންނަށާއި ޓީމުތަކުގެ އޮފިޝަލުންނަށްވެސް ހިނގާނެއެވެ. އަދި މިޤަވާއިދުގައި ނެތް ކަމެއް މެދުވެރިވެއްޖެ ނަމަ، އެކަމަކަށް ފިޔަވަޅު އެޅުމާއި އުޞޫލެއް ހަދައި ހިންގާ ޤަވާއިދަށް އިތުރުކުރުމުގެ ފުރިހަމަ އިޚުތިޔާރު މުބާރާތް ހިންގާ ކޮމެޓީއަށް ލިބިގެންވެއެވެ.

ތަޢާރަފް

1

މިލަންދޫ ކައުންސިލް ހޭންޑްބޯޅަ މުބާރާތަކީ "މިލަންދޫ ކައުންސިލް" އިން ށ. މިލަންދޫގެ ކަނބަލުންނަށް ހުޅުވާލައިގެން ގެންދާ ހޭންޑްބޯޅަ މުބާރާތެކެވެ. މިމުބާރާތުގައި ތޭރަ އަހަރުން ފެށިގެން މަތީ ކޮންމެ ކުޅުންތެރިއަކަށްވެސް ބައިވެރިވެވޭނެއެވެ.

މަޤުޞަދު

2

ރަށު ފެންވަރުގައި ބޭއްވޭ އެންމެ ފެންވަރު ރަނގަޅު މުބާރާތަށް ކައުންސިލް ކަޕް ހެދުމާއި ރަށު ފެންވަރުގައި ހޭންޑްބޯޅަ ކުޅޭ ކުޅުންތެރިންނަށް ވާދަވެރި މާހައުލެއް ފޯރުކޮށްދީ އެކުޅުންތެރިންގެ ހުނަރުކުރިއެރުވުމެވެ. އަދި ރަށުގެ ރައްޔިތުންގެ މެދުގައި ރަށު ރޫހު އާލާކުރުމާއި އެއްބައިވަންތަ ޖީލެއް ބިނާކުރުމާއި ގުޅުން ބަދަހިކުރުމެވެ.

މުބާރާތް ކުރިއަށްދާނެ ތަނާއި ތާރީޚް

3

މުބާރާތުގެ ހޭންޑްބޯޅަ މެޗުތައް ކުރިއަށްދާނީ މާކޯ ފުޓްސަލް ދަނޑުގައެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 11 ސެޕްޓެމްބަރ 2026 ވަނަ ދުވަހުއެވެ.

މުބާރާތުގެ ހިންގާ ކޮމެޓީ

4

މުބާރާތުގެ ހިންގާ ކޮމެޓީގައި ހިމެނޭނީ މިލަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ފްޓްސަލް މުބާރާތުގެ ކޯޑިނޭޓަރު, ރައީސް ކަނޑައަޅުއްވާ 1 ކައުންސިލަރު އަދި ކައުންސިލްގެ އިދާރީ 2 މުވައްޒަފެކެވެ.

ޑިސިޕްލިނަރީ ކޮމެޓީގައި ހިމެނޭނީ ކައުންސިލްގެ ރައީސާއި މުބާރާތް ހިންގާ ކޮމެޓީގައިހިމެނޭ ކައުންސިލްގެ އިދާރީ 1 މުވައްޒަފާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލާއި 1 ކައުންސިލަރު، ކައުންސިލް އެގްޒެކެޓިވް އަދި ފްޓްސަލް މުބާރާތުގެ ކޯޑިނޭޓަރެވެ.

ކޮމެޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މުބާރާތުގައި ދިމާވާ މައްސަލަތަކާއި މެދު ގޮތް ނިންމުން ހިމެނެއެވެ. މިގޮތުން އިތުރު ގޮތެއް ނިންމޭނީ މިޤަވާއިދުގައި ހިމެނިފައިނުވާކަމެއް މެދެވެރިވެއްޖެނަމައެވެ. އެނޫން ހާލަތްތަކުގައި އަމަލުކުރާނީ މިޤަވާއިދުގައި ބަޔާންކުރެވިފައިވާ ގޮތަށެވެ. މިޤަވާއިދުގައި މިހާރު ހިމެނިފައިވާ ބައިތަކަށް އިތުރު ބަދަލުތަކެއް މުބާރާތް ހިނގަމުންދާވަރަކަށް ނުގެނެވޭނެއެވެ. ނަމަވެސް ހިމެނިފައިވާނުވާކަމެއް، ކަމުގެ މުހިންމުކަމަށް ބަލައި، ޤަވާއިދުގެ ތެރެއަށް އިތުރުކުރެވިދާނެއެވެ.

މުބާރާތުގެ ހިންގާ ކޮމެޓީއަށް ގޮތެއް ނިންމޭނީ މިޤަވާއިދުގައި ހިމެނިފައިވާ މުބާރާތް ހިންގާ ޤަވާއިދުތަކުގެ ތެރެއިން ހުށަހެޅޭ ކަންކަމަށެވެ.

 ޑިސިޕްލިނަރީ ކޮމެޓީއަށް ނިންމޭނީ މިޤަވާއިދުގައި ހިމެނިފައިވާ ޑިސިޕްލިނަރީ މައްސަލަތަކާއި ގުޅޭ ކަންކަމުގައެވެ.

މުބާރާތުގެ ހިންގާ ކޮމެޓީން ނިންމާ ކަމެއް ވަގުތުން އަމަލުކުރަން ފެށޭނެއެވެ. އަދި ނިންމި ކަމެއްގެ ތަފްސީލް ހުރިހާ ޓީމުތަކަކަށް އެންގޭނެއެވެ.

ކުޅުންތެރިންނާއި އޮފިޝަލުންގެ ޖާރޒީ

5

ޓީމެއްގައި ހިމެނޭނީ 14 ކުޅުންތެރިންނާއި 05 ޓީމު އޮފިޝަލުންނެވެ. ޓީމުގެ އޮފިޝަލުންގެ ގޮތުގައި ހިމެނޭނީ ކޯޗް، އެސިސްޓެންޓް ކޯޗު، މެނޭޖަރ އަދި 02 ޞިއްހީ ފަރުވާދޭ އޮފިޝަލެކެވެ. މަދުވެގެން 10 ކުޅުންތެރިން އަދި 3 އޮފިޝަލުން ހިމަނަންޖެހޭނެއެވެ.

އޮފިޝަލުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ފަރާތަކަށް ކުޅުމުގައި ބައިވެރިއެއް ނުވެވޭނެއެވެ. 18 އަހަރުން ދަށުގެ ކުއްޖަކަށް އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރިއެއް ނުވެވޭނެއެވެ.

ކޮންމެ ޓީމެއްގައި ރަށުންބޭރު 02 ކުޅުންތެރިން ޖެހިދާނެއެވެ. އަދި މިދެ ކުޅުންތެރިންނަށް އެއްފަހަރާވެސް ކުޅެން އެރޭނެއެވެ.

މިލަންދޫ ރައްވެހިންގެ ގޮތުގައި ބެލެވޭނީ، މިލަންދޫގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި، މިލަންދޫ ރައްވެއްސަކާއި ކައިވެނިކޮށްގެން އުޅޭ ފަރާތްތަކާއި އެފަރާތްތަކުގެ ދަރިން، މިލަންދޫ ރައްވެއްސެއްގެ ދަރިންނެވެ. ނަމަވެސް މިލަންދޫ ކައުންސިލް ކަޕް 2026 ގައި ކުޅެވޭނީ މިލަންދޫ ރައްވެއްސެއްގެ ގޮތުގައި 11 ސެޕްޓެމްބަރ 2025ގެ ކުރިން ރައްވެހިވެފައިވާ ފަރާތްތަކަށެވެ.

ނަމަވެސް 2027 ވަނަ އަހަރުން ފެށިގެން މިލަންދޫ ކައުންސިލް ކަޕުގައި ކުޅެވޭނީ މުބާރާތް އިއުލާން ކުރާ ދުވަހުގެ ނިޔަލަށް މިލަންދޫ ރައްވެއްސެއްގެ ގޮތުގައި 5 އަހަރު ދުވަހު ރެޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ.

އަންހެން ކުޅުންތެރިންގެ ޖާރޒީއަކީ ޓީޝާޓް އާއި ސޯޓް ނުވަތަ ޓްރެކް ބޮޓަމް، އިސްޓާކީން އަދި ޓެނިސްބޫޓެވެ.

ހުރިހާ ޖާރޒީއެއްގެ ކަނާއަތުގައި މުބާރާތުގެ ލޯގޯ އިންނަންޖެހޭނެއެވެ. ސޮފްޓްކޮޕީ ފޯރުކޮށްދެވޭނެއެވެ.

ޓީމު ލޯގޯގައި ތަރި ޖެހޭނީ "މިލަންދޫ ކައުންސިލް ކަޕް"ގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމުތަކަށް، ކާމިޔާބުކޮށްފައިވާ މުބާރާތުގެ އަދަދަށް އެކަނިއެވެ. އެނޫން ޓީމުތަކުގެ ލޯގޯގައި ތަރި ޖަހާފައިވާނަމަ، އެކަން އިސްލާޙުކުރަން ޖެހޭނެއެވެ.

ގޯލްކީޕަރުންގެ ޖާރޒީގެ ކުލަ ކޯޑް ކުޅުންތެރިންގެ ޖާރޒީގެ ކުލަޔާއި ތަފާތުވާންޖެހޭނެއެވެ. މުބާރާތުގައި ބޭނުންކުރެވޭނީ ހަމައެކަނި އިންޑޯރ ޓެނިސް ބޫޓެވެ. އަދި އެއްވެސް ކަހަލަ އުންޖެހި ބާވަތެއްގެ ބޫޓު ބޭނުންކުރުމަކީ މަނާކަމެކެވެ.

1.    އަންހެން ކުޅުންތެރިންގެ ޓީޝާޓުގެ ދިގުމިން ހުންނަންވާނީ ކުޅުމުގެ ތެރޭގައި އާއްމުކޮށްގެނެވޭ ހަރަކާތުގެ ސަބަބުން ހަށިގަނޑު ހާމަނުވާފަދަ ދިގުމިނެއްގައެވެ. ޓީޝާޓުގެ އަތުގެ ދިގުމިން ހުންނަންވާނީ އެންމެ ކުރުވެގެން އަތުމުލައްދަޑީގެ ދެބައިކުޅަ އެއްބައި ފޮރުވިފައި ހުންނަފަދަ ދިގުމިނެއްގައެވެ. އަދި ސޯޓުގެ ދިގުމިން ހުންނަންވާނީ ފައިގެ މަލަމަސްގަނޑުގެ ތިންބައިކުޅަ ދެބައި ފޮރުވިފައި ހުންނަ ފަދަ ދިގުމިނެއްގައެވެ. އަދި ޓްރެކް ބޮޓަމްލާނަމަ، ހުރިހާ ކުޅުންތެރިން ބޭނުންކުރަންވާނީ އެއްވައްތަރެއްގެ ޓްރެކް ބޮޓަމްއެވެ. އަދި ޓައިޓްލާނަމަ ޓައިޓް މަތިން ޑިވައިޑެޑް ސްކާރޓް ނުވަތަ ސޯޓު ފައިގެ ފަލަމަސްގަނޑުގެ ތިންބައިކުޅަ ދެބައި ފޮރުވިފައި ހުންނަފަދަ ދިގުމިނެއްގައި ލާންވާނެއެވެ.

2.    އަންހެން ކުޅުންތެރިންގެ ތެރެއިން ބުރުގާ އަޅާ ކުޅުންތެރިއެއްނަމަ ބޭނުންކުރަންވާނީ އެއްވެސް ޑިޒައިނެއްނެތް ކަޅުކުލައިގެ ބުރުގާއެވެ. އަދި ބުރުގާގެ ބްރޭންޑް ލޯގޯ 5 އަދި 5 ސެންޓިމީޓަރަށްވުރެ ބޮޑުނޫން ސައިޒަށް އިނުން ހުއްދައެވެ. ބުރުގާގައި އިސްތިހާރު ހަރުކުރުން ހުއްދައެއް ނޫނެވެ. އަދި ބުރުގާގެ ސަބަބުން ޖާރޒީގައި ހަރުކޮށްފައިވާ ނަންބަރުގެ ފެނުމަށް އެއްވެސް ހުރަހެއް އެޅިގެން ނުވާނެއެވެ.

3.    ކުޅުންތެރިންނަސް މެޗުގައި "ހަރު" އެއްޗެތިން ހަދާފައިވާ ހެޑް ޕްރޮޓެކްޝަން، ފޭސް މާސްކް، އަތުގައި އަޅާ އުޅާ، ގަޑި އަދި ތޫނުކަމެއްހުރި އެއްވެސް އެއްޗެއް ބޭނުމެއްނުކުރެވޭނެއެވެ. އަދި އެއްވެސް ބާވަތެއްގެ ގަހަނާއެއް ބޭނުމެއް ނުކުރެވޭނެއެވެ. ހުޅުގާޑާއި އަތުގައި އެޅުމަށް ބޭނުންކުރާ ސްވެޓް ބޭންޑާއި އަދި ބޮލުގައިއަޅާ ބޭންޑް "ފޮތިން ހަދާފައި" ފިޔަވައި އެހެން އިތުރު އެއްވެސް އެއްޗެއް ބޭނުމެއްނުކުރެވޭނެއެވެ. މުބާރާތުގެ މެޗުތަކުގައި ނަމްބަރު އައިނު ބޭނުންކުރުން ހުއްދައެއް ނޫނެވެ. ނަމަވެސް ނަމްބަރު އައިނުގެ ބަދަލުގައި ސޭފްޓީ ގޮގްލްސް ބޭނުންކުރެވިދާނެއެވެ. ކަންފަތުގައިލާ ކުދި އެއްޗެއްސާއި އަދި ފްލެޓް ރިންގް ޓޭޕް އަޅާ ކަވަރުކޮށްފައިވާނަމަ ހުއްދައެވެ.

4.    ކުޅޭ ޓީޝާޓުގެ އަޑިން އަތްދިގު ބޮޑީ ޓައިޓް އަދި ކުޅޭ ސޯޓުގެ އަޑިން ދިގު ޓައިޓް ބޭނުންކުރެވިދާނެއެވެ. މިގޮތުން ބެނުންކުރާނަމަ ބޭނުންކުރަންވާނީ އެއްވެސް ޑިޒައިނެއްނެތް ކުޅޭ ޖާރޒީއާއި ނުވަތަ ކުޅޭ ސޯޓާއި އެއްކުލައަކުންނެވެ. ނަމަވެސް ބްރޭންޑް ލޯގޯ 5 އަދި 5 ސެންޓިމީޓަރަށްވުރެ ބޮޑުނޫން ސައިޒަށް އިނުން ހުއްދައެވެ.

5.    އެއްވެސް ޓީމެއްގެ ކުޅުންތެރިއަކަށް ޓީމު ލިސްޓުގައިވާ ޖާރޒީގެ ނަމްބަރު ފިޔަވާ އެހެން ނަންބަރަކަށް ނުކުޅެވޭނެއެވެ. އަދި ޖާރޒީގެ ނަމްބަރު ހުންނަންވާނީ 1 ން 99އަށް ޖާރޒީގެ ކުރިމަތީގަޔާއި ފަހަތުގައި ސާފުކޮށް ފެންނަގޮތަށެވެ. ނަމަވެސް 1 ނަމްބަރު ޖެހޭނީ ހަމައެކަނި ކީޕަރު ޖާރޒީގައެވެ.

6.    ޖާރޒީގެ ކުރިމަތީގައި ހަރުކުރާ ނަމްބަރު ހުންނަންވާނީ ޖާރޒީގެ މެޔާދިމާލުން މެދުގައެވެ. އަދި ނަމްބަރުގެ އުސްމިނުގައި އެންމެ ކުޑަވެގެން 10 ސެންޓިމީޓަރ ހުންނަންވާނެއެވެ. ޖާރޒީގެ ފުރަގަހުގައި ހަރުކުރާ ނަމްބަރު ހުންނަންވާނީ ޖާރޒީގެ ބުރަކައްޓާއި ދިމާލުން މެދުގައެވެ. އަދި ނަމްބަރުގެ އުސްމިނުގައި ކުޑަވެގެން 20 ސެންޓިމީޓަރު ހުންނަންވާނެއެވެ.

7.    ޖާރޒީގައި ކުޅުންތެރިންގެ ނަން ޖަހާނަމަ އެނަމެއް ޖަހަންވާނީ ޖާރޒީގެ ފުރަގަހުގައި ހަރުކުރެވިފައިވާ ނަމްބަރަށްވުރެ 5 ސެންޓިމީޓަރު މަތީގައެވެ. މިގޮތުން ޖަހާނަމުގެ އަކުރުތަކުގެ އުސްމިނުގައި އެންމެ ކުޑަވެގެން 7 ސެންޓިމީޓަރު ހުންނަންވާނެއެވެ. ޖާރޒީގައި ޖަހަންޖެހޭނީ ކުޅުންތެރިޔާގެ އަސްލު ނަމެވެ. އައިޑީ ކާޑުގައި ވާނަމުގެ ފުރަތަމަ ނަން ނުވަތަ 2 ވަނަ ނަންވެސް ޖެހިދާނެއެވެ. އައިޑީކާޑުގައިވާ ނަން ލިޔާއިރު އަކުރުތައް ބަދަލުކޮށްގެން ނަމުގެ ޕްރޮނަންސިއޭޝަން އަންނަގޮތަށް ނަމެއް ނުޖެހޭނެއެވެ.

މިސާލަކަށް: AZIM ލިޔާއިރު AXIM ނުވަތަ AAXIM، AX!M ނުވަތަ @XIM މިފަދަ ގޮތްގޮތަށް ނަމެއް ނުޖެހޭނެއެވެ.  ނަން އަދި ނަމްބަރު ޖެހިފައި ހުންނަންވާނީ ކިޔަން ފަސޭހަ ފޮންޓަކުންނެވެ.

8.    އެއްވެސް ޖާރޒީއެއްގައި ކުޅުންތެރިޔާގެ ނަންޖަހާ ތަނުގައި ޓީމުގެ ނަން ޖަހާފައިއޮވެގެން ނުވާނެއެވެ.

9.    ކޮންމެ ޓީމަކުންވެސް 01 ބިބް ސެޓް ގެންގުޅެންވާނެއެވެ. އަދި ބިބު ސެޓްވާންޖެހޭނީ ބިބްލާފައި ހުންނައިރު ނަމާއި ޖާރޒީ ނަމްބަރު ފެންނަ ބިބް ސެޓަކަށެވެ.

 

މުބާރާތުގައި ބޭނުންކުރާ ޖާރޒީގެ ޖޭޕެގް ފައިލެއް މިލަންދޫ ކައުންސިލްގެ މުބާރާތް ހިންގާ ކޮމެޓީއާއި ހިއްސާކުރަންޖެހޭނެއެވެ. އަދި ޕްރިންޓްކުރާ ޖާރޒީވާންޖެހޭނީ މުބާރާތް ހިންގާ ކޮމެޓީއިން ފާސްކޮށްފައިވާ ޖާރޒީއަކަށެވެ. ޕްރިންޓްކުރުމުގެ ކުރިން ފާސްކުރުމަށް ހުށަހަޅަންޖެހޭނެއެވެ.

ޓީމުގެ އޮފިޝަލުންގެ ޖާރޒީގައި އެފަރާތެއްގެ މަޤާމު ނުވަތަ އޮފިޝަލް މިހެން ޖަހާފައި ހުންނަންވާނެއެވެ. މިޖާރޒީތަކުގައި އެފަރާތުގެ ނަން ޖެހިފައި އޮވެގެން ނުވާނެއެވެ.

ކުޅޭ 2 ޓީމުގެ ޖާޒީ، ސޯޓު އަދި އިސްޓާކީން އެއްގޮތްވެގެން ބަދަލުކުރަންޖެހޭނަމަ، ޖާރޒީ ބަދަލުކުރާނީ އަވޭޓީމުންނެވެ. އަވޭ ޓީމަކީ މެޗު ތާވަލުގައި ދެވަނައަށް އިންނަ ޓީމެވެ. ނަމަވެސް، 2 ޓީމުން އެއްބަސްވެގެން ގޮތެއްނިންމާނަމަ އެނިންމާގޮތެއް މެޗު ފެށުމުގެ 24 ގަޑިއިރުކުރިން މުބާރާތްހިންގާ ކޮމެޓީއަށް ހިއްސާކުރަންޖެހޭނެއެވެ.

ކޮންމެ ޓީމަކުންވެސް 2 ކިޓް ގެންގުޅުމަށް ހިންގާ ކޮމެޓީއިން ބާރުއަޅަމެވެ. ޖާރޒީކުލަ އެއްގޮތްވެގެން، ބަދަލުކުރަންޖެހޭ ހާލަތުގައި އެހެން ކިޓެއް ބޭނުންކުރާނަމަވެސް ލާންޖެހޭނީ އެކުޅުންތެރިޔަކަށް ރަޖިސްޓްރީކޮށްފައިވާ ނަމްބަރު ޖާރޒީއެކެވެ. އެނޫންގޮތަކަށް ކުޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. ރެފްރީންގެ ނިންމުމަށް ރިއާޔަތްކޮށް މެނުވީ، ބިބު ލައިގެން މިމުބާރާތުގެ އެއްވެސް މެޗެއްގައި ކުޅުން ކުރިއަށް ނުގެންދެވޭނެއެވެ.

ހުރިހާ އޮފިޝަލުން ތިބެންވާނީ އެއްކުލައެއްގެ އެއްޑިޒައިނެއްގެ ޖާރޒީ ލައިގެންނެވެ. ހުރިހާ އޮފިޝަލުންގެ ޖާޒީގައި އޮފިޝަލުގެ މަޤާމު އަދި އަތްކުރީގައި މުބާރާތުގެ ލޯގޯ އިންނަންވާނެއެވެ. ނަމަވެސް ކޯޗަށް ތަފާތު ޖާރޒީއެއްގައި ހުރެވިދާނެއެވެ. ހުރިހާ އޮފިޝަލުންވެސް ތިބެންވާނީ ބޫޓަށް އަރައިގެންނެވެ. 

އިސްތިހާރު

6

ކުޅުންތެރިންގެ ޖާރޒީގެ ކުރިމަތީގަޔާއި ފުރަގަހުގައި އަދި ސޯޓުގެ ފުރަގަހުގައި އިސްތިހާރު ހަރުކުރެވިދާނެއެވެ. ނަމަވެސް މިއިސްތިހާރު ހުންނަންވާނީ ޖާރޒީގައި ހުންނަ ނަމްބަރުގެ ފެނުމަށް އެއްވެސް ހުރަހެއްނޭޅޭނެގޮތަށް ޖާރޒީގައި ހަރުކުރެވިފައިވާ ނަމްބަރަށްވުރެ 5 ސެންޓިމީޓަރު ތިރީގައެވެ.

އިސްތިހާރުގެ ގޮތުގައި ދީނީގޮތުން ފުށުއަރާއެއްޗެއް، ސިޔާސީ އެއްވެސް އެއްޗެއް އަދި ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދުތަކުން މަނާކޮށްފައިވާ އެއްވެސް އެއްޗެއް ނުވަތަ ލިޔުމެއްޖެހިފައި އޮވެގެންނުވާނެއެވެ.

ޓީމު އޮފިޝަލުން

7

ޓީމުގެ އޮފިޝަލުންގެ ގޮތުގައި ތިބޭ ބައެއްގެ އަމުރު ކުޅުންތެރިންނާއި ޓީމު ފޮލޯވަރުންނަށް ހިނގަންޖެހޭނެއެވެ. އަދި ޓީމުގެ ކޯޗަކީ ޓީމުގެ އެންމެ ޒިންމާދާރު ފަރާތެވެ. ކުޅުމުގެ ތެރޭގައި އަދި ކުޅުމުން ބޭރުގައި ނަމަވެސް މެޗުގެ ރެފްރީންނާއި އޮފިޝަލުންނާއި އަދި އިދިކޮޅު ޓީމުގައި ހިމެނޭ އެއްވެސް މީހަކާއި މުހާތަބުކޮށް ކުޅިވަރުގެ ރޫހާ ހިލާފަށް ނޭދެވޭ ހަޑިހުތުރު ބަސްތައް ބޭނުންކުރުމާއި އަދި ނޭދެވޭ އަމަލުކުރާ ކުޅުންތެރިންނާއި ޓީމު އޮފިޝަލުންނާއިމެދު ޑިސިޕްލިނަރީ ކޮމިޓީއަށް ފެންނަ އެކަށީގެންވާ ފިޔަވަޅު އެޅޭނެއެވެ.

މެޗު ހިނގަމުންދާ ވަގުތުގައި ބެންޗުގައި ތިބޭ ހުރިހާ ކުޅުންތެރިންނާއި ޓީމު އޮފިޝަލުން ތިބެންވާނީ ޓެނިސް ބޫޓުގައެވެ. އަދި ބެންޗުގައި ތިބޭ ހުރިހާ ވަގުތު ހުރިހާ އޮފިޝަލުން ތިބެންވާނީ އެއްކަހަލަ ޔުނީފޯމެއްގައެވެ.

ކުޅުމުގެ ޤަވާއިދު

8

މުބާރާތުގެ ހޭންޑްބޯޅަ މެޗުތައް ކުޅޭނީ އިންޓަނޭޝަލް ހޭންޑްބޯލް ފެޑެރޭޝަނުން އިސްލާހާއިއެކު ނެރެފައިވާ އެންމެ ފަހުގެ ހޭންޑްބޯލް ޤަވާއިދު އަސާސްއަކަށް ބަލައިގެންނެވެ.

ރެފްރީން

9

ހޭންޑްބޯޅަ މުބާރާތުގައި ރެފްރީކަންކުރާނީ ހޭންޑް ބޯލް އެސޯސިއޭޝަނުން ޤަބޫލުކުރާ ފެންވަރުގެ ރެފްރީންނެވެ.

ދަނޑަށް ހާޒިރުވުން

10

މެޗު ފެށުމަށް ކަނޑައެޅިފައިވާ ގަޑީގެ 15 މިނަޓުކުރިން މެޗު ކުޅެން ހަމަޖެހިފައިވާ 2 ޓީމު ދަނޑަށް ހާޟިރުވާންޖެހޭނެއެވެ. ކުޅެން ހަމަޖެހިފައިވާ ފުރަތަމަ 7 ކުޅުންތެރިންނާއި 7 ރިޒާވް ކުޅުންތެރިން އަދި އޮފިޝަލުންގެ ލިސްޓް ސޮއިކުރުމަށްފަހު ކުޅެންފެށުމުގެ 10 މިނެޓުކުރިން އޮފިޝަލް މޭޒަށް ހަވާލުކުރަންޖެހޭނެއެވެ. މެޗު ފެށުމަށް ހަމަޖެހިފައިވާ ވަގުތު ހަމަވިއިރު އެންމެ މަދުވެގެން 05 ކުޅުންތެރިން ހާޟިރުނުވާ ޓީމެއް އެމެޗުން ބަލިވީކަމަށްބަލައި އަނެއް ޓީމަށް މެޗު ލިބޭނެއެވެ. މެޗު ފެށުމަށް ހަމަޖެހިފައިވާ ގަޑިއަށް 02 ޓީމުންވެސް ހާޟިރުނުވާނަމަ ގޮތެއް ނިންމާނީ މެޗު އިސް އޮފިޝަލާއި ހިންގާ ކޮމެޓީ އަދި ޑިސިޕްލިނަރީ ކޮމެޓީ މަޝްވަރާކުރުމަށް ފަހުއެވެ.

އާއްމު ޤަވާއިދު

11

ދަނޑަށް ވަދެވޭނީ ހަމައެކަނި އެދުވަހަކު މެޗު ކުޅުމަށް ހަމަޖެހިފައިވާ ދެ ޓީމުގެ ކުޅުންތެރިންނަށެވެ.

ޓީމުތައް ދަނޑަށް ވަންނަން ބޭނުންކުރާނީ ދަނޑަށް ވަނުމަށް ހަމަޖެހިފައިވާ ރަސްމީ ގޭޓުންނެވެ.

ދަނޑުގެ ސަރަޙައްދުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ މަނާކަމެކެވެ. އެފަދަ ޢަމަލެއް އެއްވެސް ކުޅުންތެރިއެއްގެ ފަރާތުން ފެނިއްޖެ ނަމަ ޖެހިގެން އަންނަ މެޗަށް އެ ކުޅުންތެރިއަކު ސަސްޕެންޑު ކުރެވޭނެއެވެ.

ދަނޑަށް ވަނުމަށް ފަހު، މެޗު ނުނިމެނީސް މަޤުބޫލު އުޒުރެއް ނެތި، އެއްވެސް ކުޅުންތެރިއަކު ދަނޑުގެ ސަރަހައްދުން ބޭރަށް ދިއުމަކީ މަނާކަމެކެވެ.

ޓީމުތަކުން މެޗުގައި ބޭނުންކުރާ ފުޅި، ދަޅު، އަދި އެހެނިހެން ސާމާނު އަޅާނީ ކަނޑައެޅިފައިވާ ޑަސްބިނަކަށެވެ. ދަނޑުގެ ސަރަހައްދަށް ކުނި އެޅުމަކީ މަނާކަމެކެވެ. މެޗު ނިމުމަށް ފަހު، ދަނޑުގެ ސަރަޙައްދު ދޫކޮށް ދާންވާނީ އެޓީމަކުން ބޭނުންކުރި ފުޅި، ދަޅު އަދި އެހެނިހެން ސާމާނު ޑަސްބިނަށް އެޅުމަށް ފަހުގައެވެ.

މެޗު ކުޅެވޭ ސަރަހައްދުގައްޔާއި އަދި ދަނޑު ތެރޭގައި އެއްވެސް ކުޅުންތެރިއަކު އަދި އޮފިޝަލަކު ބޭއަދަބީ ބަހުން މުޚާތަބުކުރުމަކީ މަނާކަމެވެ. މިފަދަ ޢަމަލެއް އެއްވެސް ކުޅުންތެރިއެއް އަދި އޮފިޝަލެއްގެ ފަރާތުން ފެނިއްޖެ ނަމަ އެކުޅުންތެރިޔަކު ނުވަތަ އެއޮފިޝަލަކު ކުރިއަށް އޮތް މެޗަށް ސަސްޕެންޑުކުރެވޭނެއެވެ.

މެޗުނިމުމަށްފަހު 5 މިނެޓް ތެރޭ އެބައެއްގެ ބެންޗު ސާފު ކޮށް ދަނޑުން ނުކުންނަން ޖެހޭނެއެވެ. (މިގޮތަށް އަމަލު ނުކުރެވިއްޖެނަމަ އެޓީމަކާ މެދު މުބާރާތުގެ ހިންގާ ކޮމެޓީން ފިޔަވަޅު އެޅޭނެއެވެ.)

އަދި ހުރިހާ މެޗެއް ނިމުމުން ދަނޑުތެރޭ ކުޅުންތެރިން މަޑު ކުރުމަކީ މަނާކަމެކެވެ. (މިގޮތަށް އަމަލު ނުކުރެވިއްޖެނަމަ އެ ކުޅުންތެރިޔަކާ މެދު މުބާރާތުގެ ހިންގާ ކޮމެޓީން ފިޔަވަޅު އެޅޭނެއެވެ.)

މުބާރާތް ކުރިއަށް ދާނެގޮތް

12

މުބާރާތް ކުރިޔަށް ދާނެ ގޮތެއް ކަނޑައަޅާނީ ބައިވެރިވާ ޓީމުތަކުގެ އަދަދު ކަށަވަރު ވުމުން ލީގު ނުވަތަ ގްރޫޕަށް ބަހާލައިގެންނެވެ.

ލީގު އުޞޫލުން ކުޅޭނަމަ ސެމީފައިނަލްއަށް ދާނީ ގަދަ ހަތަރު ޓީމެވެ. ގުރޫޕް ސްޓޭޖަށް ކުޅޭނަމަ ކޮންމެ ގުރޫޕެއްގެ ގަދަ ދެޓީމެވެ.

ލީގު އުޞޫލުން ކުޅޭނަމަ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޓޭބަލްގެ 1 ވަނަ އަދި 4 ވަނަ ޓީމެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ޓޭބަލްގެ 2 ވަނަ އަދި 3 ވަނަ ޓީމެވެ.

ގުރޫޕް އުޞޫލުން ކުޅޭނަމަ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް 1ގެ 1 ވަނަ ޓީމާއި ގުރޫޕް 2ގެ 2 ވަނަ ޓީމެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް 2ގެ 1 ވަނަ ޓީމާއި ގުރޫޕް 1ގެ 2 ވަނަ ޓީމެވެ. 

މުބާރާތުން ވަކިވުން

13

މުބާރާތުގައި އެޓީމެއް ކުޅެންޖެހޭ މެޗުތައް ނިމެންދެން އެޓިމެއް ކުޅެންޖެހޭ ހުރިހާ މެޗެއްގައި ބައިވެރިވެ ކުޅެންޖެހޭނެއެވެ.

މުބާރާތުގެ ގުރުލުމަށް ފަހު މުބާރާތުން ވަކިވެވޭނީ -/5000 ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށް ފަހުގައެވެ. އަދި މި ފައިސާ ނުދައްކާ ނަމަ އެޓީމެއްގައި ނަމުގައި ކުރިއަށް އޮތް 1 އަހަރު މިލަންދޫ ކައުންސިލް ކަޕުގައި ބައިވެރި ނުވެވޭނެ އަދި އެޓީމެއްގެ މެނޭޖަރަށް އެއްވެސް ސިފައެއްގައި ކުރިއަށް އޮތް 1 އަހަރު ބައިވެރި ނުވެވޭނެއެވެ. 

މެޗު ނުކުޅުން

14

މިމުބާރާތް ފެށުމަށްފަހު މެޗު ކުޅޭ ގަޑިއަށް ޓީމު ހާޟިރުވެ އެމެޗެއް ނުކުޅެފިނަމަ ނުވަތަ މެޗު ކުޅުމަށް ކަނޑައެޅިފައިވާ ފުރިހަމަ ވަގުތު ހަމަނުވަނީސް ކުޅުން ހުއްޓާލާފައި ކޯޓުން ފައިބައިފިނަމަ އެޓީމަކާއިމެދު ޑިސިޕްލިނަރީ ކޮމެޓީއިން ތިރީގައި މިދަންނަވާފަދަ ފިޔަވަޅެއް އެޅޭނެއެވެ.

(ހ) 1000$ އާއި 2000$ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން

(ށ) މުބާރާތުން ވަކިކުރުން

(ނ) ކުރިއަށްހުރި މުބާރާތްތަކުގެ ތެރެއިން މުބާރާތެއް ނުވަތަ މުބާރާތްތަކެއްގައި ބައިވެރިނުކުރުން

ކުޅުން ހަމަޖެހިފައިވާ މެޗެއް ނުކުޅެފިނަމަ ނުވަތަ މެޗު ކުޅުމަށް ކަނޑައަޅާފައިވާ ފުރިހަމަ ވަގުތު ހަމަނުކުރާނަމަ ބެލެވޭނީ އެޓީމެއް އެމެޗަކުން ދެރަވީކަމަށެވެ. އަދި ހާޟިރުވި ޓީމު މޮޅުވީކަމަށް ބެލެވޭނެއެވެ.

ގަސްތުގައި މެޗު ދޫކޮށްލުން ނުވަތަ މެޗު ފިކްސް ކުރުން

15

ޓީމަކުން މެޗު ދޫކޮށްލައިފައި ގޮސްފިނަމަ އިދިކޮޅު ޓިމު މޮޅުވީކަމަށް ބަލައި 3 ޕޮއިންޓް ދެވޭނެއެވެ. އަދި މެޗު ނިމުނު އިރު އިދިކޮޅު ޓީމުން ޖަހާފައިވާ ގޯލާއި އެކު ފައިދާ 2 ގޯލު ދެވޭނެއެވެ. އަދި މެޗު ދޫކޮށްލި ޓީމަށް އެއްވެސް ގޯލެއް އަދި ޕޮއިންޓެއްވެސް ނުލިބޭނެއެވެ.

މެޗު ދޫކޮށްލި ކަމަށް ބެލެވޭނީ މެޗުގެ ކުޅުން ހުއްޓައިލުމަށް ފަހު، ރެފުރީންނާއި ޖަޖުންގެ ކޮމެޓިން ގޮތެއް ނިންމައި 5 މިނެޓްގެ ވަގުތެއް ބެލުމަށް ފަހު އަލުން މެޗު ފެށޭގޮތް ނުވެއްޖެކަމަށް ވާނަމައެވެ.

މެޗުގެ ކުޅުން ކުރިއަށް ނުގެންދެވިގެން އެއްވެސް ސަބަބަކާއި (ހަމަނުޖެހުމެއްގައި ނުވަތަ މާބޮޑަށް ވިއްސާރަވުން ފަދަ ) ހުއްޓާލާފައިވަނިކޮށް އަލުން މެޗު ކުޅޭނަމަ:

-      މެޗު އަލުން ފެށޭނީ މެޗު ހުއްޓާލި ވަގުތުން ފެށިގެން، މެޗު ހުއްޓާލިއިރު އޮތް ސްކޯ ލައިނުންނެވެ. މެޗު އެއްކޮށް އަލުން ނުކުޅޭނެއެވެ.

-      މެޗު ފަށާނީ މެޗު ހުއްޓާލިއިރު ދަނޑުގައި ތިބި ކުޅުންތެރިން އަދި ބެންޗުގައި ތިބި ކުޅުންތެރިންނާއިއެކުއެވެ.

-      މެޗު ހުއްޓާލި ވަގުތު ބެންޗުގައި ނެތް ކުޅުންތެރިއަކަށް އަލުން މެޗު ކުޅޭއިރު ބައިވެރިއެއްނުވެވޭނެއެވެ.

-      ރަތް ކާޑު ދައްކާ ކުޅުންތެރިންނަށް މެޗުގައި ބައިވެރިއެއް ނުވެވޭނެއެވެ. ނަމަވެސް، ކުޅުން އަލުން ފެށުމުން 02 މިނަޓް ހަމަވުމުން އެހެން ކުޅުންތެރިއަކަށް ދަނޑަށް އެރޭނެއެވެ.

-      މިގޮތަށް އަލުން ކުޅެންފަށާ މެޗު ކުޅޭނެ ގަޑި އަދި ތާރީޚު ނިންމާނީ މުބާރާތުގެ ހިންގާ ކޮމެޓީއިންނެވެ.

 

މުބާރާތުގެ ހިންގާ ކޮމެޓިއަށް މެޗް ފިކްސް ކޮށްފައިވާހެން ހީވެއްޖެ ހިނދެއްގައި އެ މައްސަލަ ކޮމެޓީއަށް ގެންގޮސް އެ ޓީމަކާއި މެދު ފިޔަވަޅު އެޅޭނެއެވެ.

ގަސްތުގައި މެޗު ދޫކޮށްލައި ނުވަތަ މެޗު ފިކްސް ކޮށްފިނަމަ އެޓީމެއް -/5000 ރުފިޔާއިން ޖޫރިމަނާކޮށް މުބާރާތުން ވަކިކުރެވޭނެއެވެ. އަދި ޖެހިގެން އަންނަ މުބާރާތުގައި ބައިވެރިވެވޭނީ ޖޫރިމަނާގެ ފައިސާ ދެއްކުމަށް ފަހުގައެވެ.

މީގެ އިތުރަށް ކަމެއް މެދުވެރިވެއްޖެ ނަމަ، އެކަމަކަށް ފިޔަވަޅު އެޅުމުގެ ފުރިހަމަ އިޚްތިޔާރު މުބާރާތް ހިންގާ ކޮމެޓީއަށް ލިބިގެންވެއެވެ.  

މެޗުގައި އަދި މުބާރާތުގައި މައްސަލަހުށަހެޅުން

16

މިމުބާރާތުގައި ކުޅެވޭ އެއްވެސް މެޗެއްގެ ނަތީޖާއާއިމެދު ހިތްހަމަނުޖެހިގެން އެކަމާއިމެދު އެއްވެސް ޓީމަކަށް އިޢުތިރާޟްކުރުމުގެ ފުރުސަތެއް ނޯންނާނެއެވެ.

މުބާރާތާއިބެހޭ އެއްވެސް މައްސަލައެއް ހުށަހަޅަން ބޭނުންވާނަމަ، އެ މެޗެއް ނިމުނުތާ 2
ގަޑިއިރުތެރޭގައި، ސިޓީއަކުން ހިންގާ ކޮމެޓީއަށް އެ މައްސަލައެއް ހުށަހަޅަންވާނެއެވެ. އަދި މައްސަލައެއް ހުށަހަޅާތާ 06 ގަޑިއިރު ތެރޭގައި އެފަރާތަކަށް މައްސަލަ ނިމުނުގޮތުގެ ޖަވާބެއް ފޮނުވޭނެއެވެ.

އަތުވެދާނެ ސަސްޕެންޝަންތައް

17

ކުޅުންތެރިއެއް ނުވަތަ އޮފިޝަލެއްގެ ގައިގައި އަތުން ނުވަތަ ފައިންޖެހުން، ދަތްއެޅުން، ކުޅުޖެހުން ފަދަ އަމަލެއް ހިންގައިފިނަމަ 2 މެޗަށް ސަސްޕެންޑްކުރެވޭނެއެވެ.

ކުޅިވަރުގެ ރޫހާއި ހިލާފުވާފަދަ ގޮތަކަށް މުބާރާތުގެ ހިންގާ ކޮމެޓީގެ މެމްބަރުން ނުވަތަ ރެފްރީންނާއި ދިމާލަށް އަމަލުކޮށްފިނަމަ 2 މެޗަށް ސަސްޕެންޑްކުރެވޭނެއެވެ.

މުބާރާތުގެ ހިންގާ ކޮމެޓީގެ މެމްބަރުން ނުވަތަ ރެފްރީންނަށް ނުފޫޒު ފޯރުވުމާއި ބިރުދައްކާނަމަ މުޅި މުބާރާތުން ސަސްޕެންޑްކުރެވޭނެއެވެ. މުބާރާތުގެ ހިންގާ ކޮމެޓީގެ މެމްބަރުން ނުވަތަ ރެފްރީންގެ ގައިގައި އަތުން ނުވަތަ ފައިންޖެހުން، ދަތްއެޅުން، ކުޅުޖެހުން ފަދަ އަމަލެއް ހިންގައިފިނަމަ މުޅި މުބާރާތުން ސަސްޕެންޑްކުރެވޭނެއެވެ.

މެޗުތަކަށް ޕޮއިންޓްދެވޭނެ ގޮތާއި ޕޮއިންޓުގެ ގޮތުން އެއްވަރުވެއްޖެނަމަ އަމަލުކުރާނެ އުޞޫލު

18

(ހ) ލީގު އުސޫލުން ނުވަތަ ގުރޫޕް ސްޓޭޖުގައި ކުޅެވޭ މެޗަކުން މޮޅުވެއްޖެނަމަ ލިބޭނީ 3 ޕޮއިންޓެވެ. އަދި މެޗަކުން ދެރަވެއްޖެނަމަ ލިބޭނީ 0 ޕޮއިންޓެވެ. އެއްވަރުވެއްޖެނަމަ 1 ޕޮއިންޓެވެ. މެޗު ކުޅޭ ގަޑިއަށް ޓީމު ހާޟިރުނުވެއްޖެނަމަ ނުވަތަ މެޗު ފެށުމަށް ކަނޑައަޅާފައިވާ ގަޑިއަށް މަދުވެގެން 5 ކުޅުންތެރިން ހަމަނުވެއްޖެނަމަ، ނުވަތަ ހާޟިރުވެ އެމެޗެއް ނުކުޅެފިނަމަ ނުވަތަ މެޗު ކުޅުމަށް ކަނޑައެޅިފައިވާ ފުރިހަމަ ވަގުތު ހަމަނުވަނީސް ކުޅުންހުއްޓާލާފައި ކޯޓުން ފައިބައިފިނަމަ 0 ޕޮއިންޓެވެ. އަދި ހާޟިރުވި ޓީމު މޮޅުވިކަމަށްބަލައި އެޓީމަށް 3 ޕޮއިންޓާއި ފައިދާ 10 ގޯލު ލިބޭނެއެވެ.

(ށ) މިމުބާރާތުގައި ކުޅެވޭނީ 20 މިނަޓުގެ 2 ހާފެވެ. 2 ހާފް ދޭތެރޭ 5 މިނަޓުގެ ބްރޭކެއް ދެވޭނެއެވެ. ނަމަވެސް ނޮކްއައުޓް ސްޓޭޖުގެ މެޗެއްގައި ފުރިހަމަ ވަގުތު ހަމަވާއިރު މެޗުގެ ނަތީޖާ އެއްވަރުވެއްޖެނަމަ މެޗުކުރިއަށްގެންދާނީ ތިރީގައިވާގޮތަށެވެ.

* 5 މިނަޓުގެ ބްރޭކްއަކަށްފަހު 5 މިނަޓުގެ އިތުރު 2 ހާފް ކުޅެވޭނެއެވެ. އަދި 2 ހާފު ދޭތެރޭ 1 މިނަޓުގެ ބްރޭކެއް ދެވޭނެއެވެ. މިގޮތުން އެއްވަރުވެއްޖެނަމަ ނަތީޖާ ނެރޭނީ ކޮންމެ ޓީމަކުން 7 މީޓަރު ތްރޯގެ 5 ތްރޯ އެއްލައިގެންނެވެ. އަދި މިގޮތުން އެއްވަރުވެއްޖެނަމަ ނަތީޖާ ނެރޭނީ ކޮންމެ ޓީމަކުން 7 މީޓަރު ތްރޯ ނޮކްއައުޓް އެއްލައިގެންނެވެ. އަދި މިގޮތުގެ މަތީން އެއްޓީމެއް ކުރި ހޯދަންދެން 7 މީޓަރު ތްރޯ އެއްލަމުންގެންދާނީއެވެ. 7 މީޓަރު ތްރޯ އެއްލުމުގައި އެމެޗަކުން ސަސްޕެންޑް ނުވަތަ ޑިސްކޮލިފައިވެފައިވާ ކުޅުންތެރިން ފިޔަވައި އެހެން   ކުޅުންތެރިންނަށް 7 މީޓަރު ތްރޯގައި ބައިވެރިވެވޭނެއެވެ.

 

 

(ނ) ގުރޫޕް ސްޓޭޖު ނިމުނުއިރު، ދޭއް ނުވަތަ އެއަށްވުރެން ގިނަ ޓީމުތަކެއް ޕޮއިންޓުގެ ގޮތުން އެއްވަރު ވެފައިވާނަމަ އަމަލުކުރާނީ ތިރީގައިވާގޮތަށް، ސްޓެޕްގައިވާ ނަމްބަރު ތަރުތީބަށެވެ.

  • ސްޓެޕް 1

  1. ގޯލް ޑިފަރެންސް

  2. ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗެއްގައި އެންމެ ގިނައިން ގޯލް ޖަހާފައިވާ ޓީމު

  • ސްޓެޕް 2 (ސްޓެޕް 1ގައި ހިމަނާފައިވާ ކަންތަކުންވެސް އެއްވަރުނަމަ)

  3. ސްޓެޕް 1ގައި ބެލިކަންތަކުން ހުރިހާ ގޮތަކުންވެސް އެއްވަރުވެފައިވާ ޓީމުތަކުގެ ތެރެއިން، އެޓީމުތަކުގެ  މެދުގައި ކުޅެވުނު މެޗުތަކުން އެންމެ ގިނައިން ޕޮއިންޓް ހޯދާފައިވާ ޓީމު

  4. ސްޓެޕް 1ގައި ބެލިކަންތަކުން ހުރިހާ ގޮތަކުންވެސް އެއްވަރުވެފައިވާ ޓީމުތަކުގެ ތެރެއިން، އެޓީމުތަކުގެ މެދުގައި ކުޅެވުނު މެޗުތަކުން އެންމެ ގޯލް ޑިފަރެންސް އެންމެ ބޮޑު ޓީމު

  5. ސްޓެޕް 1ގައި ބެލިކަންތަކުން ހުރިހާ ގޮތަކުންވެސް އެއްވަރުވެފައިވާ ޓީމުތަކުގެ ތެރެއިން، އެޓީމުތަކުގެ މެދުގައި ކުޅެވުނު މެޗުތަކުން އެންމެ ގިނައިން ގޯލްޖަހާފައިވާ ޓީމު

  6. ދައްކާފައިވާ ކާޑުތަކަށް ބަލައިގެން އެންމެ ފެއަރ ޕްލޭ ބޮޑު ޓީމު

     - ޔެލޯ ކާޑު (މައިނަސް 1 ޕޮއިންޓް)

     - ދެރީނދޫ ކާޑު ހަމަވެގެން ދައްކާފައިވާ ރަތްކާޑު (މައިނަސް 3 ޕޮއިންޓް)

     - ސީދާ ރަތްކާޑު (މައިނަސް 4 ޕޮއިންޓް)

     - އެއް ރީނދޫކާޑު ދައްކާފައިވަނިކޮށް ދައްކާފައިވާ ސީދާ ރަތްކާޑު (މައިނަސް 5 ޕޮއިންޓް)

  7. ގުރުލުން 

ޓެކްނިކަލް އޭރިޔާ

19

ޓެކްނިކަލް އޭރިޔާއަކީ ކޯޗު، ޓީމުގެ އެހެނިހެން އޮފިޝަލުން އަދި ބަދަލު ކުޅުންތެރިން ތިބެން ޚާއްޞަކޮށްފައިވާ ސަރަހައްދެވެ. ޓީމަށް އިރުޝާދު ދިނުމުގެ ގޮތުން ޓެކްނިކަލް އޭރިޔާގެ ތެރޭގައި ކޮޅަށް ތިބެވޭނީ ޓީމުގެ ކޮންމެވެސް 01 އޮފިޝަލު ނުވަތަ ކުޅުންތެރިޔަކަށެވެ. މެޗަކަށް ސަސްޕެންޑުކުރެވިފައިވާ ކުޅުންތެރިޔަކަށް، އެމެޗެއް ކުޅޭ އިރު ޓީމުގެ ޓެކްނިކަލް އޭރިޔާއަކަށް ނުވަދެވޭނެއެވެ. ޓީމުގެ އޮފިޝަލުންނަށް ޓެކްނިކަލް އޭރިޔާއަށް ވަދެވޭނީ، ޓީމުގެ އޮފިޝަލުންގެ ޖާރޒީ ލައިގެންނެވެ.

ޓީމުގެ ކުޅުންތެރިޔަކަށް އިންޖަރީވެގެން ކުޅުމުގައި ބައިވެރިނުވެވުނަސް ޓެކްނިކަލް އޭރިޔާއަށް ވަދެވޭނީ ފުލް ޖާރޒީ ކިޓުގައެވެ. މިނޫންގޮތަކަށް އަމަލުކުރާ ކުޅުންތެރިން އަދި އޮފިޝަލުން ޓެކްނިކަލް އޭރިޔާއިން ނުކުތުމަށް މުބާރާތް ހިންގާ ކޮމެޓީއިން އަންގާނެއެވެ. ޓެކްނިކަލް އޭރިޔާ ތެރޭގައި ތިބެގެން ރެފްރީންގެ ނިންމުންތަކާއި މެދު ހިތްހަމަނުޖެހުން ތަކުރާރުކޮށް ފާޅުކޮށް ނުވަތަ ޖަޖުންނަށް ނިސްބަތްކޮށް ކުޅިވަރުގެ ރޫހާއި ހިލާފު އަމަލުތައް ހިންގާނަމަ، ރީދޫކާޑު ދެއްކޭނެއެވެ. އަދި ތަކުރާރުކުރާނަމަ ރަތްކާޑު ދެއްކުމަށްފަހު ޓެކްނިކަލް އޭރިޔާއިން ފޮނުވާލެވޭނެއެވެ.

މުބާރާތުގައި ހޮވާނެ މަޤާމުތައް

20

  1. ޗެމްޕިއަން ޓީމް
  2. ރަނަސްއަޕް ޓީމް
  3. ފެއަރ ޕްލޭ ޓީމް
  4. ފެއަރ ޕްލޭ ކުޅުންތެރިޔާ
  5. އެންމެ އުއްމީދީ ކުޅުންތެރިޔާ
  6. އެންމެ މޮޅު ގޯލްކީޕަރު
  7. އެންމެ މޮޅު 7 ކުޅުންތެރިން
  8. އެންމެ މޮޅު ކުޅުންތެރިޔާ
  9. އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާ
  10. އެންމެ މޮޅު ކޯޗް

ފައިސާގެ އިނާމުގެ ތަފްސީލް

   - ޗެމްޕިއަން ޓީމް: 25،000$

   - ރަނާރސްއަޕް ޓީމް: 15،000$