ފްޓްސަލް

ޤަވާއިދު

މިއީ ށ. މިލަންދޫ ކައުންސިލުން އިންތިޒާމުކުރާ މިލަންދޫ ކައުންސިލް ކަޕް 2026ގެ ފްޓްސަލް މުބާރާތަށް ތައްޔާރުކޮށްފައިވާ ހިންގާ ޤަވާއިދެކެވެ.

މިޤަވާއިދު ކުޅުންތެރިންނަށާއި ޓީމުތަކުގެ އޮފިޝަލުންނަށްވެސް ހިނގާނެއެވެ. އަދި މިޤަވާއިދުގައި ނެތް ކަމެއް މެދުވެރިވެއްޖެ ނަމަ، އެކަމަކަށް ފިޔަވަޅު އެޅުމާއި އުޞޫލެއް ހަދައި ހިންގާ ޤަވާއިދަށް އިތުރުކުރުމުގެ ފުރިހަމަ އިޚުތިޔާރު މުބާރާތް ހިންގާ ކޮމެޓީއަށް ލިބިގެންވެއެވެ.

ތަޢާރަފް

1

މިލަންދޫ ކައުންސިލް ފްޓްސަލް މުބާރާތަކީ "މިލަންދޫ ކައުންސިލް" އިން ށ. މިލަންދޫގެ ފިރިހެން ބޭފުޅުންނަށް ހުޅުވާލައިގެން ގެންދާ ފްޓްސަލް މުބާރާތެކެވެ. މިމުބާރާތުގައި ތޭރަ އަހަރުން ފެށިގެން މަތީ ކޮންމެ ކުޅުންތެރިއަކަށްވެސް ބައިވެރިވެވޭނެއެވެ.

މަޤުޞަދު

2

ރަށު ފެންވަރުގައި ބޭއްވޭ އެންމެ ފެންވަރު ރަނގަޅު މުބާރާތަށް ކައުންސިލް ކަޕް ހެދުމާއި ރަށު ފެންވަރުގައި ފްޓްސަލް ކުޅޭ ކުޅުންތެރިންނަށް ވާދަވެރި މާހައުލެއް ފޯރުކޮށްދީ އެކުޅުންތެރިންގެ ހުނަރުކުރިއެރުވުމެވެ. އަދި ރަށުގެ ރައްޔިތުންގެ މެދުގައި ރަށު ރޫހު އާލާކުރުމާއި އެއްބައިވަންތަ ޖީލެއް ބިނާކުރުމާއި ގުޅުން ބަދަހިކުރުމެވެ.

މުބާރާތް ކުރިއަށްދާނެ ތަނާއި ތާރީޚް

3

މުބާރާތުގެ ފްޓްސަލް މެޗުތައް ކުރިއަށްދާނީ މާކޯ ފުޓްސަލް ދަނޑުގައެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 11 ސެޕްޓެމްބަރ 2026 ވަނަ ދުވަހުއެވެ.

މުބާރާތުގެ ހިންގާ ކޮމެޓީ

4

މުބާރާތުގެ ހިންގާ ކޮމެޓީގައި ހިމެނޭނީ މިލަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ފްޓްސަލް މުބާރާތުގެ ކޯޑިނޭޓަރު, ރައީސް ކަނޑައަޅުއްވާ 1 ކައުންސިލަރު އަދި ކައުންސިލްގެ އިދާރީ 2 މުވައްޒަފެކެވެ.

ޑިސިޕްލިނަރީ ކޮމެޓީގައި ހިމެނޭނީ ކައުންސިލްގެ ރައީސާއި މުބާރާތް ހިންގާ ކޮމެޓީގައިހިމެނޭ ކައުންސިލްގެ އިދާރީ 1 މުވައްޒަފާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލާއި 1 ކައުންސިލަރު، ކައުންސިލް އެގްޒެކެޓިވް އަދި ފްޓްސަލް މުބާރާތުގެ ކޯޑިނޭޓަރެވެ.

ކޮމެޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މުބާރާތުގައި ދިމާވާ މައްސަލަތަކާއި މެދު ގޮތް ނިންމުން ހިމެނެއެވެ. މިގޮތުން އިތުރު ގޮތެއް ނިންމޭނީ މިޤަވާއިދުގައި ހިމެނިފައިނުވާކަމެއް މެދެވެރިވެއްޖެނަމައެވެ. އެނޫން ހާލަތްތަކުގައި އަމަލުކުރާނީ މިޤަވާއިދުގައި ބަޔާންކުރެވިފައިވާ ގޮތަށެވެ. މިޤަވާއިދުގައި މިހާރު ހިމެނިފައިވާ ބައިތަކަށް އިތުރު ބަދަލުތަކެއް މުބާރާތް ހިނގަމުންދާވަރަކަށް ނުގެނެވޭނެއެވެ. ނަމަވެސް ހިމެނިފައިވާނުވާކަމެއް، ކަމުގެ މުހިންމުކަމަށް ބަލައި، ޤަވާއިދުގެ ތެރެއަށް އިތުރުކުރެވިދާނެއެވެ.

މުބާރާތުގެ ހިންގާ ކޮމެޓީއަށް ގޮތެއް ނިންމޭނީ މިޤަވާއިދުގައި ހިމެނިފައިވާ މުބާރާތް ހިންގާ ޤަވާއިދުތަކުގެ ތެރެއިން ހުށަހެޅޭ ކަންކަމަށެވެ.

 ޑިސިޕްލިނަރީ ކޮމެޓީއަށް ނިންމޭނީ މިޤަވާއިދުގައި ހިމެނިފައިވާ ޑިސިޕްލިނަރީ މައްސަލަތަކާއި ގުޅޭ ކަންކަމުގައެވެ.

މުބާރާތުގެ ހިންގާ ކޮމެޓީން ނިންމާ ކަމެއް ވަގުތުން އަމަލުކުރަން ފެށޭނެއެވެ. އަދި ނިންމި ކަމެއްގެ ތަފްސީލް ހުރިހާ ޓީމުތަކަކަށް އެންގޭނެއެވެ.

ކުޅުންތެރިންނާއި އޮފިޝަލުންގެ ޖާރޒީ

5

ފްޓްސަލް މުބާރާތުގައި ޓީމެއްގައި ހިމެނޭނީ ގިނަވެގެން 12 ކުޅުންތެރިން އަދި 05 އޮފިޝަލުންނެވެ. މަދުވެގެން 08 ކުޅުންތެރިން އަދި 03 އޮފިޝަލުން ހިމަނަންޖެހޭނެއެވެ.

ކޮންމެ ޓީމެއްގައި ރަށުންބޭރު 02 ކުޅުންތެރިން ޖެހިދާނެއެވެ. އަދި މިދެކުޅުންތެރިންނަށްވެސް އެއްފަހަރާ ދަނޑަށް ކުޅެންއެރޭނެއެވެ.

މިލަންދޫ ރައްވެހިންގެ ގޮތުގައި ބެލެވޭނީ، މިލަންދޫގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި، މިލަންދޫ ރައްވެއްސަކާއި ކައިވެނިކޮށްގެން އުޅޭ ފަރާތްތަކާއި އެފަރާތްތަކުގެ ދަރިން، މިލަންދޫ ރައްވެއްސެއްގެ ދަރިންނެވެ. ނަމަވެސް މިލަންދޫ ކައުންސިލް ކަޕް 2026 ގައި ކުޅެވޭނީ މިލަންދޫ ރައްވެއްސެއްގެ ގޮތުގައި 11 ސެޕްޓެމްބަރ 2025ގެ ކުރިން ރައްވެހިވެފައިވާ ފަރާތްތަކަށެވެ.

ނަމަވެސް 2027 ވަނަ އަހަރުން ފެށިގެން މިލަންދޫ ކައުންސިލް ކަޕުގައި ކުޅެވޭނީ މުބާރާތް އިއުލާން ކުރާ ދުވަހުގެ ނިޔަލަށް މިލަންދޫ ރައްވެއްސެއްގެ ގޮތުގައި 5 އަހަރު ދުވަހު ރެޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ.

އޮފިޝަލުންގެ ގޮތުގައި ތިބެންވާނީ ކޯޗު، މެޑިކަލް އޮފިސަރ، މެނޭޖަރ، އޮފިޝަލް އަދި ޓްރެއިނަރއެކެވެ. އޮފިޝަލުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ފަރާތަކަށް ކުޅުމުގައި ބައިވެރިއެއް ނުވެވޭނެއެވެ. 18 އަހަރުން ދަށުގެ ކުއްޖަކަށް އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރިއެއް ނުވެވޭނެއެވެ.

ކުޅުންތެރިންގެ ޖާރޒީގައި 1 އިން 99 ހަމައަށް ބޭނުން ނަމްބަރެއް ޖެހިދާނެއެވެ. ނަމަވެސް 1 ނަމްބަރު ޖެހޭނީ ހަމައެކަނި ކީޕަރު ޖާރޒީގައެވެ.

ޖާރޒީގެ ފަހަތުގައި އަދި ސޯޓުގެ ކުރިމަތީގައި ނަމްބަރު ޖަހަންޖެހޭނެއެވެ. ޓީމު ލިސްޓުގައި ރަޖިސްޓްރީކުރާ ނަމްބަރަކީ މުބާރާތުގެ ހުރިހާ މެޗެއްގައިވެސް އެކުޅުންތެރިޔަކު ބޭނުންކުރަންޖެހޭނެ ނަމްބަރެވެ.

ހުރިހާ ޖާރޒީއެއްގެ ކަނާއަތުގައި މުބާރާތުގެ ލޯގޯ އިންނަންޖެހޭނެއެވެ. ސޮފްޓްކޮޕީ ފޯރުކޮށްދެވޭނެއެވެ.

ޖާރޒީގައި ޖަހަންޖެހޭނީ ކުޅުންތެރިޔާގެ އަސްލު ނަމެވެ. އައިޑީ ކާޑުގައި ވާނަމުގެ ފުރަތަމަ ނަން ނުވަތަ 2 ވަނަ ނަންވެސް ޖެހިދާނެއެވެ. އައިޑީކާޑުގައިވާ ނަން ލިޔާއިރު އަކުރުތައް ބަދަލުކޮށްގެން ނަމުގެ ޕްރޮނަންސިއޭޝަން އަންނަގޮތަށް ނަމެއް ނުޖެހޭނެއެވެ.

މިސާލަކަށް: AZIM ލިޔާއިރު AXIM ނުވަތަ AAXIM، AX!M ނުވަތަ @XIM މިފަދަ ގޮތްގޮތަށް ނަމެއް ނުޖެހޭނެއެވެ.  ނަން އަދި ނަމްބަރު ޖެހިފައި ހުންނަންވާނީ ކިޔަން ފަސޭހަ ފޮންޓަކުންނެވެ.

އެއްވެސް ޖާރޒީއެއްގައި ކުޅުންތެރިޔާގެ ނަންޖަހާ ތަނުގައި ޓީމުގެ ނަން ޖަހާފައިއޮވެގެން ނުވާނެއެވެ.

ޓީމު ލޯގޯގައި ތަރި ޖެހޭނީ "މިލަންދޫ ކައުންސިލް ކަޕް"ގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމުތަކަށް، ކާމިޔާބުކޮށްފައިވާ މުބާރާތުގެ އަދަދަށް އެކަނިއެވެ. އެނޫން ޓީމުތަކުގެ ލޯގޯގައި ތަރި ޖަހާފައިވާނަމަ، އެކަން އިސްލާޙުކުރަން ޖެހޭނެއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޖާޒީގެ ކުރިމަތީގައި ތިރީގައިވާގޮތަށް ލޯގޯއެއް އިންނަންޖެހޭނެއެވެ.  މިލޯގޯގެ ސޮފްޓްކޮޕީ އެޓީމަކަށް ފޯރުކޮށްދެވޭނެއެވެ.  މިލޯގޯ އިންނަންޖެހޭނީ ގޯލްޑް ކުލައިންނެވެ.

champions-badge


މުބާރާތުގައި ބޭނުންކުރާ ޖާރޒީގެ ޖޭޕެގް ފައިލް މިލަންދޫ ކައުންސިލްގެ މުބާރާތް ހިންގާ ކޮމެޓީއާއި ހިއްސާކުރަންޖެހޭނެއެވެ. އަދި ޕްރިންޓްކުރާ ޖާރޒީވާންޖެހޭނީ މުބާރާތް ހިންގާ ކޮމެޓީއިން ފާސްކޮށްފައިވާ ޖާރޒީއަކަށެވެ. ޕްރިންޓްކުރުމުގެ ކުރިން ފާސްކުރުމަށް ހުށަހަޅަންޖެހޭނެއެވެ.

ޓީމުގެ އޮފިޝަލުންގެ ޖާރޒީގައި އެފަރާތެއްގެ މަޤާމު ނުވަތަ އޮފިޝަލް މިހެން ޖަހާފައި ހުންނަންވާނެއެވެ. މިޖާރޒީތަކުގައި އެފަރާތުގެ ނަން ޖެހިފައި އޮވެގެން ނުވާނެއެވެ.

ކުޅޭ 2 ޓީމުގެ ޖާޒީ، ސޯޓު އަދި އިސްޓާކީން އެއްގޮތްވެގެން ބަދަލުކުރަންޖެހޭނަމަ، ޖާރޒީ ބަދަލުކުރާނީ އަވޭޓީމުންނެވެ. އަވޭ ޓީމަކީ މެޗު ތާވަލުގައި ދެވަނައަށް އިންނަ ޓީމެވެ. ނަމަވެސް، 2 ޓީމުން އެއްބަސްވެގެން ގޮތެއްނިންމާނަމަ އެނިންމާގޮތެއް މެޗު ފެށުމުގެ 24 ގަޑިއިރުކުރިން މުބާރާތްހިންގާ ކޮމެޓީއަށް ހިއްސާކުރަންޖެހޭނެއެވެ.

ކޮންމެ ޓީމަކުންވެސް 2 ކިޓް ގެންގުޅުމަށް ހިންގާ ކޮމެޓީއިން ބާރުއަޅަމެވެ. ޖާރޒީކުލަ އެއްގޮތްވެގެން، ބަދަލުކުރަންޖެހޭ ހާލަތުގައި އެހެން ކިޓެއް ބޭނުންކުރާނަމަވެސް ލާންޖެހޭނީ އެކުޅުންތެރިޔަކަށް ރަޖިސްޓްރީކޮށްފައިވާ ނަމްބަރު ޖާރޒީއެކެވެ. އެނޫންގޮތަކަށް ކުޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. ރެފްރީންގެ ނިންމުމަށް ރިއާޔަތްކޮށް މެނުވީ، ބިބު ލައިގެން މިމުބާރާތުގެ އެއްވެސް މެޗެއްގައި ކުޅުން ކުރިއަށް ނުގެންދެވޭނެއެވެ.

ފްޓްސަލް މުބާރާތްކުޅޭ އިރު ހުންނަންވާނީ ކަށިމަތި އަޅާފައި، ކަށިމަތި ފޮރުވޭވަރުގެ ދިގު އިސްޓާކީނު ބޭނުންކޮށްފައެވެ. ގޯލް ކީޕަރު ފިޔަވައި ހުރިހާ ކުޅުންތެރިންގެ އިސްޓާކީނު އެއްގޮތްވާންޖެހޭނެއެވެ. އަދި އިސްޓާކީނު މަތިން ތަފާތު ކުލައެއްގެ ޓޭޕް އެޅުމަކީ މަނާކަމެކެވެ.

ހުރިހާ އޮފިޝަލުން ތިބެންވާނީ އެއްކުލައެއްގެ އެއްޑިޒައިނެއްގެ ޖާރޒީ ލައިގެންނެވެ. ހުރިހާ އޮފިޝަލުންގެ ޖާޒީގައި އޮފިޝަލުގެ މަޤާމު އަދި އަތްކުރީގައި މުބާރާތުގެ ލޯގޯ އިންނަންވާނެއެވެ. ނަމަވެސް ކޯޗަށް ތަފާތު ޖާރޒީއެއްގައި ހުރެވިދާނެއެވެ. ހުރިހާ އޮފިޝަލުންވެސް ތިބެންވާނީ ބޫޓަށް އަރައިގެންނެވެ. 

ކުޅުމުގެ ޤަވާއިދު

6

މުބާރާތުގެ ފްޓަސަލް މެޗުތައް ކުޅޭނީ ފީފާގެ އެންމެ ފަހުގެ ފްޓްސަލް ލޯ އޮފް ދި ގޭމް އާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.

ގްރޫޕް ސްޓޭޖުގެ ފްޓްސަލް މެޗުގެ ދިގުމިނަކީ ސްޓޮޕް ވޮޗު ނުޖައްސާ (ރަނިންޓައިމް) 20 މިނަޓުގެ ދެހާފެވެ.

މުބާރާތުގެ ސެމީފައިނަލް އަދި ފައިނަލް މެޗު ކުޅޭނީ ސްޓޮޕް ވޮޗު ޖައްސައިގެންނެވެ.

އިންޓަވަލްގެ ގޮތުގައި 5 މިނަޓު ލިބޭނެއެވެ. ކޮންމެ ހާފެއްގައި ކޮންމެ ޓީމަކަށްވެސް 1 މިނަޓްގެ 1 (އެކެއް) ޓައިމް އައުޓު ނެގިދާނެއެވެ.

ކުޅުމަށް ބޭނުންކުރެވޭނީ ފްޓްސަލް ބޯޅަ 4 ނަމްބަރުއެވެ.

Nike Futsal Maestro Football

ރެފްރީން

7

ފްޓްސަލް މުބާރާތުގައި ރެފްރީކަންކުރާނީ އެންމެ ފަހުގެ ފްޓްސަލް ޤަވާއިދުގެ ރިފްރެޝާ ޕްރޮގްރާމު ނިންމާފައިވާ، ޤައުމީ ލެވެލް މުބާރާތްތަކުގައި ރެފްރީކަންކުރާ ނުވަތަ ކޮށްފައިވާ ފްޓްސަލް ރެފްރީންނެވެ.

ދަނޑަށް ހާޒިރުވުން

8

މެޗު ފެށުމަށް ކަނޑައެޅިފައިވާ ގަޑީގެ 15 މިނަޓުކުރިން މެޗު ކުޅެން ހަމަޖެހިފައިވާ 2 ޓީމު ދަނޑަށް ހާޟިރުވާންޖެހޭނެއެވެ. ކުޅެން ހަމަޖެހިފައިވާ ފުރަތަމަ 5 ކުޅުންތެރިންނާއި 7 ރިޒާވް ކުޅުންތެރިން އަދި އޮފިޝަލުންގެ ލިސްޓް ސޮއިކުރުމަށްފަހު ކުޅެންފެށުމުގެ 10 މިނަޓުކުރިން އޮފިޝަލް މޭޒަށް ހަވާލުކުރަންޖެހޭނެއެވެ. މެޗު ފެށުމަށް ހަމަޖެހިފައިވާ ވަގުތު ހަމަވިއިރު އެންމެ މަދުވެގެން 03 ކުޅުންތެރިން ހާޟިރުނުވާ ޓީމެއް އެމެޗުން ބަލިވީކަމަށްބަލައި އަނެއް ޓީމަށް މެޗު ލިބޭނެއެވެ. މެޗު ފެށުމަށް ހަމަޖެހިފައިވާ ގަޑިއަށް 02 ޓީމުންވެސް ހާޟިރުނުވާނަމަ ގޮތެއް ނިންމާނީ މެޗު އިސް އޮފިޝަލާއި ހިންގާ ކޮމެޓީ އަދި ޑިސިޕްލިނަރީ ކޮމެޓީ މަޝްވަރާކުރުމަށް ފަހުއެވެ.

ޓީމު ބެންޗު

9

މެޗު ހިނގަމުންދާއިރު ޓީމުގައި ހިމެނޭ 12 ކުޅުންތެރިންނާއި އޮފިޝަލުންނަށް ބެންޗުގައި ތިބެވޭނެއެވެ. ބެންޗުގައި ތިބެންވާނީ އިށީދެގެންނެވެ. އަދި ޖާޒީ އާއި ތަފާތު ކުލައެއްގެ ބިބް ލައިގެންނެވެ. ކޮންމެ ޓީމަކުންވެސް ބިބު 1 ސެޓް ގެންގުޅެންޖެހޭނެއެވެ. ބިބުތަކުގައި ހުންނަންވާނީ ކައުންސިލް ކަޕްގެ ލޯގޯ ޖެހިފައެވެ. ބިބު ހިންގާ ކޮމެޓީއިން ފޯރުނުކޮށްދޭނެއެވެ. ޓީމަށް އިރުޝާދު ދިނުމަށް އެއްވަގުތެއްގައި ކޮޅަށް ހުރެވޭނީ އެއް އޮފިޝަލަކަށެވެ. އޮފިޝަލުންގެ ޖާރޒީ ހުންނަންވާނީ ކުޅުންތެރިންގެ ޖާރޒީއާއި ތަފާތު ކުލައެއްގައެވެ.

މުބާރާތް ހިނގަމުންދާވަގުތު ނުވަތަ މުބާރާތުގެ ތެރޭގައި ޓީމުގެ ކުޅުންތެރިން ކުޅިވަރުގެ ރޫހާއި ހިލާފުވެއްޖެނަމަ ނުވަތަ ހަމަނުޖެހުމެއް ހިންގައިފިނަމަ އެކަމުގެ ކުޑަ ބޮޑު މިނަށް ބަލައި ޑިސިޕްލިން ކޮމެޓީއިން އެޓީމަކަށް ނުވަތަ ކުޅުންތެރިޔަކަށް އަދަބެއް ނުވަތަ އަދަބުތަކެއް ދެވިދާނެއެވެ.

އަދި މުބާރާތުގައި ބައިވެރިވާ އެއްވެސް ފަރާތަކުން މުބާރާތް  ކުރިޔަށް ގެންދިޔުމަށް ހުރަސް އެޅޭ ފަދަ އަމަލެއް ހިންގައިފިނަމަ، ކުރިއަށް ރާވާ އިންތިޒާމް ކުރާ މުބާރާތްތަކުގައި ފިޔަވަޅު އެޅޭނެއެވެ.

  1. އެޓީމަކަށް ލިބިފައިވާ ޕޮއިންޓް އުނިކުރުން (ގިނަވެގެން މައްސަލައަކަށް އުނިކުރެވޭނީ 1 ޕޮއިންޓް)
  2.  މެޗަކަށް ނުވަތަ މެޗުތަކަކަށް ހަމަނުޖެހުން ހިންގި ކުޅުންތެރިޔާ ނުވަތަ ގިނަ ކުޅުންތެރިންނަމަ ޓީމު ސަސްޕެންޑްކުރުން
  3. ގިނަ ކުޅުންތެރިން ހަމަނުޖެހމުގައި ބައިވެރިވީނަމަ އެޓީމެއް މުބާރާތުން ވަކިކުރުން
  4. ޓީމު / ކުޅުންތެރިޔާ ޖޫރިމަނާކުރުން
  5. ކައުންސިލުން ބާއްވާ މުބާރާތްތަކުން ސަސްޕެންޑުކުރުން

އާއްމު ޤަވާއިދު

10

ދަނޑަށް ވަދެވޭނީ ހަމައެކަނި އެދުވަހަކު މެޗު ކުޅުމަށް ހަމަޖެހިފައިވާ ދެ ޓީމުގެ ކުޅުންތެރިންނަށެވެ.

ޓީމުތައް ދަނޑަށް ވަންނަން ބޭނުންކުރާނީ ދަނޑަށް ވަނުމަށް ހަމަޖެހިފައިވާ ރަސްމީ ގޭޓުންނެވެ.

ދަނޑުގެ ސަރަޙައްދުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ މަނާކަމެކެވެ. އެފަދަ ޢަމަލެއް އެއްވެސް ކުޅުންތެރިއެއްގެ ފަރާތުން ފެނިއްޖެ ނަމަ ޖެހިގެން އަންނަ މެޗަށް އެ ކުޅުންތެރިއަކު ސަސްޕެންޑު ކުރެވޭނެއެވެ.

ދަނޑަށް ވަނުމަށް ފަހު، މެޗު ނުނިމެނީސް މަޤުބޫލު އުޒުރެއް ނެތި، އެއްވެސް ކުޅުންތެރިއަކު ދަނޑުގެ ސަރަހައްދުން ބޭރަށް ދިއުމަކީ މަނާކަމެކެވެ.

މެޗު ފެށުމަށް ރެފްރީ ކަށިގަނޑު ފުމުމަށްފަހު އެވަގުތު ބެންޗުގައިނެތް އެއްވެސް ކުޅުންތެރިޔަކަށް އަދި އޮފިޝަލަކަށް ދަނޑަކަށް ނުވަދެވޭނެއެވެ.

ޓީމުތަކުން މެޗުގައި ބޭނުންކުރާ ފުޅި، ދަޅު، އަދި އެހެނިހެން ސާމާނު އަޅާނީ ކަނޑައެޅިފައިވާ ޑަސްބިނަކަށެވެ. ދަނޑުގެ ސަރަހައްދަށް ކުނި އެޅުމަކީ މަނާކަމެކެވެ. މެޗު ނިމުމަށް ފަހު، ދަނޑުގެ ސަރަޙައްދު ދޫކޮށް ދާންވާނީ އެޓީމަކުން ބޭނުންކުރި ފުޅި، ދަޅު އަދި އެހެނިހެން ސާމާނު ޑަސްބިނަށް އެޅުމަށް ފަހުގައެވެ.

މެޗު ކުޅެވޭ ސަރަހައްދުގައްޔާއި އަދި ދަނޑު ތެރޭގައި އެއްވެސް ކުޅުންތެރިއަކު އަދި އޮފިޝަލަކު ބޭއަދަބީ ބަހުން މުޚާތަބުކުރުމަކީ މަނާކަމެވެ. މިފަދަ ޢަމަލެއް އެއްވެސް ކުޅުންތެރިއެއް އަދި އޮފިޝަލެއްގެ ފަރާތުން ފެނިއްޖެ ނަމަ އެކުޅުންތެރިޔަކު ނުވަތަ އެއޮފިޝަލަކު ކުރިއަށް އޮތް މެޗަށް ސަސްޕެންޑުކުރެވޭނެއެވެ.

މެޗުނިމުމަށްފަހު 5 މިނެޓް ތެރޭ އެބައެއްގެ ބެންޗު ސާފު ކޮށް ދަނޑުން ނުކުންނަން ޖެހޭނެއެވެ. (މިގޮތަށް އަމަލު ނުކުރެވިއްޖެނަމަ އެޓީމަކާ މެދު މުބާރާތުގެ ހިންގާ ކޮމެޓީން ފިޔަވަޅު އެޅޭނެއެވެ.)

އަދި ހުރިހާ މެޗެއް ނިމުމުން ދަނޑުތެރޭ ކުޅުންތެރިން މަޑު ކުރުމަކީ މަނާކަމެކެވެ. (މިގޮތަށް އަމަލު ނުކުރެވިއްޖެނަމަ އެ ކުޅުންތެރިޔަކާ މެދު މުބާރާތުގެ ހިންގާ ކޮމެޓީން ފިޔަވަޅު އެޅޭނެއެވެ.)

މުބާރާތް ކުރިއަށް ދާނެގޮތް

11

މުބާރާތް ކުރިޔަށް ދާނެ ގޮތެއް ކަނޑައަޅާނީ ބައިވެރިވާ ޓީމުތަކުގެ އަދަދު ކަށަވަރު ވުމުން ލީގު ނުވަތަ ގްރޫޕަށް ބަހާލައިގެންނެވެ. މުބާރާތް ކުރިޔަށް ގެންދާނީ މަދުވެގެން 4 ޓީމު ބައިވެރިވާނަމައެވެ.

ލީގު އުޞޫލުން ކުޅޭނަމަ ސެމީފައިނަލްއަށް ދާނީ ގަދަ ހަތަރު ޓީމެވެ. ގުރޫޕް ސްޓޭޖަށް ކުޅޭނަމަ ކޮންމެ ގުރޫޕެއްގެ ގަދަ ދެޓީމެވެ.

ލީގު އުޞޫލުން ކުޅޭނަމަ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޓޭބަލްގެ 1 ވަނަ އަދި 4 ވަނަ ޓީމެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ޓޭބަލްގެ 2 ވަނަ އަދި 3 ވަނަ ޓީމެވެ.

ގުރޫޕް އުޞޫލުން ކުޅޭނަމަ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް 1ގެ 1 ވަނަ ޓީމާއި ގުރޫޕް 2ގެ 2 ވަނަ ޓީމެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް 2ގެ 1 ވަނަ ޓީމާއި ގުރޫޕް 1ގެ 2 ވަނަ ޓީމެވެ. 

ޓެކްނިކަލް އޭރިޔާ

12

ޓެކްނިކަލް އޭރިޔާއަކީ ކޯޗު، ޓީމުގެ އެހެނިހެން އޮފިޝަލުން އަދި ބަދަލު ކުޅުންތެރިން ތިބެން ޚާއްޞަކޮށްފައިވާ ސަރަހައްދެވެ. ޓީމަށް އިރުޝާދު ދިނުމުގެ ގޮތުން ޓެކްނިކަލް އޭރިޔާގެ ތެރޭގައި ކޮޅަށް ތިބެވޭނީ ޓީމުގެ ކޮންމެވެސް 01 އޮފިޝަލު ނުވަތަ ކުޅުންތެރިޔަކަށެވެ. މެޗަކަށް ސަސްޕެންޑުކުރެވިފައިވާ ކުޅުންތެރިޔަކަށް، އެމެޗެއް ކުޅޭ އިރު ޓީމުގެ ޓެކްނިކަލް އޭރިޔާއަކަށް ނުވަދެވޭނެއެވެ. ޓީމުގެ އޮފިޝަލުންނަށް ޓެކްނިކަލް އޭރިޔާއަށް ވަދެވޭނީ، ޓީމުގެ އޮފިޝަލުންގެ ޖާރޒީ ލައިގެންނެވެ.

ޓީމުގެ ކުޅުންތެރިޔަކަށް އިންޖަރީވެގެން ކުޅުމުގައި ބައިވެރިނުވެވުނަސް ޓެކްނިކަލް އޭރިޔާއަށް ވަދެވޭނީ ފުލް ޖާރޒީ ކިޓުގައެވެ. މިނޫންގޮތަކަށް އަމަލުކުރާ ކުޅުންތެރިން އަދި އޮފިޝަލުން ޓެކްނިކަލް އޭރިޔާއިން ނުކުތުމަށް މުބާރާތް ހިންގާ ކޮމެޓީއިން އަންގާނެއެވެ. ޓެކްނިކަލް އޭރިޔާ ތެރޭގައި ތިބެގެން ރެފްރީންގެ ނިންމުންތަކާއި މެދު ހިތްހަމަނުޖެހުން ތަކުރާރުކޮށް ފާޅުކޮށް ނުވަތަ ޖަޖުންނަށް ނިސްބަތްކޮށް ކުޅިވަރުގެ ރޫހާއި ހިލާފު އަމަލުތައް ހިންގާނަމަ، ރީދޫކާޑު ދެއްކޭނެއެވެ. އަދި ތަކުރާރުކުރާނަމަ ރަތްކާޑު ދެއްކުމަށްފަހު ޓެކްނިކަލް އޭރިޔާއިން ފޮނުވާލެވޭނެއެވެ.

މުބާރާތުން ވަކިވުން

13

މުބާރާތުގައި އެޓީމެއް ކުޅެންޖެހޭ މެޗުތައް ނިމެންދެން އެޓިމެއް ކުޅެންޖެހޭ ހުރިހާ މެޗެއްގައި ބައިވެރިވެ ކުޅެންޖެހޭނެއެވެ.

މުބާރާތުގެ ގުރުލުމަށް ފަހު މުބާރާތުން ވަކިވެވޭނީ 5000 ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށް ފަހުގައެވެ. އަދި މި ފައިސާ ނުދައްކާ ނަމަ އެޓީމެއްގައި ނަމުގައި ކުރިއަށް އޮތް 1 އަހަރު މިލަންދޫ ކައުންސިލް ކަޕުގައި ބައިވެރި ނުވެވޭނެ އަދި އެޓީމެއްގެ މެނޭޖަރަށް އެއްވެސް ސިފައެއްގައި ކުރިއަށް އޮތް 1 އަހަރު ބައިވެރި ނުވެވޭނެއެވެ. 

ގަސްތުގައި މެޗު ދޫކޮށްލުން ނުވަތަ މެޗު ފިކްސް ކުރުން

14

ޓީމަކުން މެޗު ދޫކޮށްލައިފައި ގޮސްފިނަމަ އިދިކޮޅު ޓިމު މޮޅުވީކަމަށް ބަލައި 3 ޕޮއިންޓް ދެވޭނެއެވެ. އަދި މެޗު ނިމުނު އިރު އިދިކޮޅު ޓީމުން ޖަހާފައިވާ ގޯލާއި އެކު ފައިދާ 2 ގޯލު ދެވޭނެއެވެ. އަދި މެޗު ދޫކޮށްލި ޓީމަށް އެއްވެސް ގޯލެއް އަދި ޕޮއިންޓެއްވެސް ނުލިބޭނެއެވެ.

މެޗު ދޫކޮށްލި ކަމަށް ބެލެވޭނީ މެޗުގެ ކުޅުން ހުއްޓައިލުމަށް ފަހު، ރެފުރީންނާއި ޖަޖުންގެ ކޮމެޓިން ގޮތެއް ނިންމައި 5 މިނެޓްގެ ވަގުތެއް ބެލުމަށް ފަހު އަލުން މެޗު ފެށޭގޮތް ނުވެއްޖެކަމަށް ވާނަމައެވެ.

މެޗުގެ ކުޅުން ކުރިއަށް ނުގެންދެވިގެން އެއްވެސް ސަބަބަކާއި (ހަމަނުޖެހުމެއްގައި ނުވަތަ މާބޮޑަށް ވިއްސާރަވުން ފަދަ ) ހުއްޓާލާފައިވަނިކޮށް އަލުން މެޗު ކުޅޭނަމަ:

  • މެޗު އަލުން ފެށޭނީ މެޗު ހުއްޓާލި ވަގުތުން ފެށިގެން، މެޗު ހުއްޓާލިއިރު އޮތް ސްކޯ ލައިނުންނެވެ. މެޗު އެއްކޮށް އަލުން ނުކުޅޭނެއެވެ.
  • މެޗު ފަށާނީ މެޗު ހުއްޓާލިއިރު ދަނޑުގައި ތިބި ކުޅުންތެރިން އަދި ބެންޗުގައި ތިބި ކުޅުންތެރިންނާއިއެކުއެވެ.
  •  މެޗު ހުއްޓާލި ވަގުތު ބެންޗުގައި ނެތް ކުޅުންތެރިއަކަށް އަލުން މެޗު ކުޅޭއިރު ބައިވެރިއެއްނުވެވޭނެއެވެ.
  • ރަތް ކާޑު ދައްކާ ކުޅުންތެރިންނަށް މެޗުގައި ބައިވެރިއެއް ނުވެވޭނެއެވެ. ނަމަވެސް، ކުޅުން އަލުން ފެށުމުން 02 މިނަޓް ހަމަވުމުން އެހެން ކުޅުންތެރިއަކަށް ދަނޑަށް އެރޭނެއެވެ.
  • މިގޮތަށް އަލުން ކުޅެންފަށާ މެޗު ކުޅޭނެ ގަޑި އަދި ތާރީޚު ނިންމާނީ މުބާރާތުގެ ހިންގާ ކޮމެޓީއިންނެވެ.

 

މުބާރާތުގެ ހިންގާ ކޮމެޓިއަށް މެޗް ފިކްސް ކޮށްފައިވާހެން ހީވެއްޖެ ހިނދެއްގައި އެ މައްސަލަ ކޮމެޓީއަށް ގެންގޮސް އެ ޓީމަކާއި މެދު ފިޔަވަޅު އެޅޭނެއެވެ.

ގަސްތުގައި މެޗު ދޫކޮށްލައި ނުވަތަ މެޗު ފިކްސް ކޮށްފިނަމަ އެޓީމެއް -/5000 ރުފިޔާއިން ޖޫރިމަނާކޮށް މުބާރާތުން ވަކިކުރެވޭނެއެވެ. އަދި ޖެހިގެން އަންނަ މުބާރާތުގައި ބައިވެރިވެވޭނީ ޖޫރިމަނާގެ ފައިސާ ދެއްކުމަށް ފަހުގައެވެ.

މީގެ އިތުރަށް ކަމެއް މެދުވެރިވެއްޖެ ނަމަ، އެކަމަކަށް ފިޔަވަޅު އެޅުމުގެ ފުރިހަމަ އިޚްތިޔާރު މުބާރާތް ހިންގާ ކޮމެޓީއަށް ލިބިގެންވެއެވެ.  

މެޗުގައި އަދި މުބާރާތުގައި މައްސަލަހުށަހެޅުން

15

މުބާރާތާއިބެހޭ އެއްވެސް މައްސަލައެއް ހުށަހަޅަން ބޭނުންވާނަމަ، އެ މެޗެއް ނިމުނުތާ 2
ގަޑިއިރުތެރޭގައި، ސިޓީއަކުން ހިންގާ ކޮމެޓީއަށް އެ މައްސަލައެއް ހުށަހަޅަންވާނެއެވެ. އަދި މައްސަލައެއް ހުށަހަޅާތާ 06 ގަޑިއިރު ތެރޭގައި އެފަރާތަކަށް މައްސަލަ ނިމުނުގޮތުގެ ޖަވާބެއް ފޮނުވޭނެއެވެ.

ކާޑުގެ އިތުރުން އަތުވެދާނެ ސަސްޕެންޝަންތައް

16

ކުޅުންތެރިއެއް ނުވަތަ އޮފިޝަލެއްގެ ގައިގައި އަތުން ނުވަތަ ފައިންޖެހުން، ދަތްއެޅުން، ކުޅުޖެހުން ފަދަ އަމަލެއް ހިންގައިފިނަމަ 2 މެޗަށް ސަސްޕެންޑްކުރެވޭނެއެވެ.

ކުޅިވަރުގެ ރޫހާއި ހިލާފުވާފަދަ ގޮތަކަށް މުބާރާތުގެ ހިންގާ ކޮމެޓީގެ މެމްބަރުން ނުވަތަ ރެފްރީންނާއި ދިމާލަށް އަމަލުކޮށްފިނަމަ 2 މެޗަށް ސަސްޕެންޑްކުރެވޭނެއެވެ.

މުބާރާތުގެ ހިންގާ ކޮމެޓީގެ މެމްބަރުން ނުވަތަ ރެފްރީންނަށް ނުފޫޒު ފޯރުވުމާއި ބިރުދައްކާނަމަ މުޅި މުބާރާތުން ސަސްޕެންޑްކުރެވޭނެއެވެ. މުބާރާތުގެ ހިންގާ ކޮމެޓީގެ މެމްބަރުން ނުވަތަ ރެފްރީންގެ ގައިގައި އަތުން ނުވަތަ ފައިންޖެހުން، ދަތްއެޅުން، ކުޅުޖެހުން ފަދަ އަމަލެއް ހިންގައިފިނަމަ މުޅި މުބާރާތުން ސަސްޕެންޑްކުރެވޭނެއެވެ. 

ރެފްރީންގެ ނިންމުންތައް

17

މެޗުގައި ރެފްރީން ނިންމާ ނިންމުންތަކަކީ އެންމެ ފަހުގެ ނިންމުމެވެ. މުބާރާތުގެ ހިންގާ ކޮމެޓީއިން މިފަދަ ނިންމުންތަކާއި ގުޅޭގޮތުން ހުށަހަޅާ މައްސަލަތައް ރިވިއުކުރަމުން ނުގެންދާނެއެވެ. ނަމަވެސް ހިންގާ ކޮމެޓީއަށް ފާހަގަވާ ބޮޑެތި މައްސަލަތައް ރެފްރީންނަށް ޙިއްޞާކޮށް ރަނގަޅުކުރުމަށް އެންގޭނެއެވެ. ނަމަވެސް، ނުބައި ކުޅުންތެރިޔަކަށް ކާޑު ދެއްކުން ފަދަ ކަންތައްތަކާއި މެދު ޓީމުތަކުން ހުށަހަޅާ މައްސަލަތައް ކޮމެޓީއިން ބަލާނެއެވެ.

މެޗުގައި ރެފްރީ ދައްކާ ރީނދޫކާޑު ނުވަތަ ރަތްކާޑުގެ މައްސަލަބަލާނީ، އެކާޑެއް ދެއްކީ ނުބައި ކުޅުންތެރިޔަކަށް ކަމުގައިވާނަމަ އެކަންޏެވެ. އަދި ސީދާ ރެފްރީގެ ވަރަށް ބޮޑު ގޯސް ނިންމުމެއްކަމުގައިވާނަމައެވެ. މިކަން ސާބިތުކޮށްދިނުމަކީ މައްސަލަހުށަހަޅާ ޓީމުގެ ޒިންމާއެކެވެ.

މުބާރާތުގައި ހަމަނުޖެހުން ހިންގުމާއި ޖިސްމާނީ އަނިޔާ ދިނުންފަދަ ކަންތައްތަކަށް، ރެފްރީ ފިޔަވަޅު ނޭޅިކަމުގައިވިޔަސް، މުބާރާތުގެ ހިންގާ ކޮމެޓީއަށް ފާހަގަކުރެވިއްޖެނަމަ އެމައްސަލައެއް ބަލާ އެކަށީގެންވާ ފިޔަވަޅު އަޅަމުންދާނެއެވެ.  

ގޯލެއް ނުވަތަ ގޯލެއް ނޫންކަމަށް ރެފްރީން ނިންމާ ނިންމުންތަކަކީ އެންމެ ފަހުގެ ނިންމުންތަކެވެ. މިފަދަ ކަމަކާއިގުޅޭ އެއްވެސް ޝަކުވާއެއް ހިންގާކޮމެޓީއިން ބަލައެއް ނުގަންނާނެއެވެ.

މިމުބާރާތުގައި ވީއޭއާރުއިން ނިންމުން ނިންމާ ނުވަތަ ނިންމުން ބަދަލުކުރަމުން ނުގެންދާނެއެވެ. މައްސަލަޖެހޭ ހާލަތެއްގައި ގޮތް ނިންމާނީ ލައިން 2 ރެފްރީން އަދި ތާރޑް ރެފްރީއެވެ. މިނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ. އަދި މިނިންމުންތަކާއި މިފަދަކަމަކާއި ގުޅިގެން ހުށަހަޅާ މައްސަލަތައް ކޮމެޓީއިން ރިވިއުއެއް ނުކުރާނެއެވެ.

އިތުރުވަގުތު

18

މިމުބާރާތުގައި ނަތީޖާ ނެރުމަށް އެކްސްޓްރާ ޓައިމް ނުކުޅޭނެއެވެ. ނަތީޖާ އެއްވަރުވެއްޖެނަމަދާނީ ޕެނަލްޓީއަށެވެ. 

ކާޑު

19

މުބާރާތުގެ ތަފާތު  2 މެޗުގައިވިޔަސް ދެ ރީނދޫ ކާޑު ދައްކާފައިވާ ކުޅުންތެރިޔަކު ކުރިޔަށް އޮތް މެޗަށް ސަސްޕެންޑުވާނެއެވެ.

ގުރޫޕް ސްޓޭޖުގައި އެއް ރީދޫ ކާޑު ދައްކާފައިވާ ކުޅުންތެރިންގެ ކާޑުތައް ސެމީފައިނަލަށް ކުލިއަރ ވާނެއެވެ. ނަމަވެސް ގުރޫޕު ސްޓޭޖުގައި ދެ ރީދޫކާޑު ހަމަވެގެން ކުރިއަށް އޮތީ ސެމީ ފައިނަލް ކަމުގައިވާނަމަ އެކުޅުންތެރިޔެއް ސެމީފައިނަލަށް ސަސްޕެންޑުވާނެއެވެ.

ސީދާ ރަތްކާޑެއް ނުވަތަ ދެރީނދޫ ކާޑު އެއްމެޗުގައި ހަމަވެގެން ރަތް ކާޑު ދައްކާފައިވާ ކުޅުންތެރިޔާ ކުރިޔަށް އޮތް މެޗުގައި ނުކުޅެވޭނެއެވެ.(ގުރޫޕް ސްޓޭޖް، ސެމީފައިނަލް އަދި ފައިނަލްވެސް)

ރަތް ކާޑު ދައްކާ ކުޅުން ތެރިޔަކަށް ބެންޗުގައި މަޑެއް ނުކުރެވޭނެއެވެ.

އިސްތިހާރު

20

ކުޅުންތެރިންގެ ޖާރޒީގެ ކުރިމަތީގަޔާއި ފުރަގަހުގައި އަދި ސޯޓުގެ ފުރަގަހުގައި އިސްތިހާރު ހަރުކުރެވިދާނެއެވެ. ނަމަވެސް މިއިސްތިހާރު ހުންނަންވާނީ ޖާރޒީގައި ހުންނަ ނަމްބަރުގެ ފެނުމަށް އެއްވެސް ހުރަހެއްނޭޅޭނެގޮތަށް ޖާރޒީގައި ހަރުކުރެވިފައިވާ ނަމްބަރަށްވުރެ 5 ސެންޓިމީޓަރު ތިރީގައެވެ.

އިސްތިހާރުގެ ގޮތުގައި ދީނީގޮތުން ފުށުއަރާއެއްޗެއް، ސިޔާސީ އެއްވެސް އެއްޗެއް އަދި ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދުތަކުން މަނާކޮށްފައިވާ އެއްވެސް އެއްޗެއް ނުވަތަ ލިޔުމެއްޖެހިފައި އޮވެގެންނުވާނެއެވެ.

ގްރޫޕް ސްޓޭޖުގައި ޕޮއިންޓުގެ ގޮތުން އެއްވަރުވެއްޖެނަމަ އަމަލުކުރާނެ އުޞޫލު

21

ގުރޫޕް ސްޓޭޖު ނިމުނުއިރު، ދޭއް ނުވަތަ އެއަށްވުރެން ގިނަ ޓީމުތަކެއް ޕޮއިންޓުގެ ގޮތުން އެއްވަރު ވެފައިވާނަމަ އަމަލުކުރާނީ ތިރީގައިވާގޮތަށް، ސްޓެޕްގައިވާ ނަމްބަރު ތަރުތީބަށެވެ.

  • ސްޓެޕް 1

  • ގޯލް ޑިފަރެންސް
  • ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗެއްގައި އެންމެ ގިނައިން ގޯލް ޖަހާފައިވާ ޓީމު

  • ސްޓެޕް 2 (ސްޓެޕް 1ގައި ހިމަނާފައިވާ ކަންތަކުންވެސް އެއްވަރުނަމަ)

  • ސްޓެޕް 1ގައި ބެލިކަންތަކުން ހުރިހާ ގޮތަކުންވެސް އެއްވަރުވެފައިވާ ޓީމުތަކުގެ ތެރެއިން، އެޓީމުތަކުގެ މެދުގައި ކުޅެވުނު މެޗުތަކުން އެންމެ ގިނައިން ޕޮއިންޓް ހޯދާފައިވާ ޓީމު
  • ސްޓެޕް 1ގައި ބެލިކަންތަކުން ހުރިހާ ގޮތަކުންވެސް އެއްވަރުވެފައިވާ ޓީމުތަކުގެ ތެރެއިން، އެޓީމުތަކުގެ މެދުގައި ކުޅެވުނު މެޗުތަކުން އެންމެ ގޯލް ޑިފަރެންސް އެންމެ ބޮޑު ޓީމު
  • ސްޓެޕް 1ގައި ބެލިކަންތަކުން ހުރިހާ ގޮތަކުންވެސް އެއްވަރުވެފައިވާ ޓީމުތަކުގެ ތެރެއިން، އެޓީމުތަކުގެ މެދުގައި ކުޅެވުނު މެޗުތަކުން އެންމެ ގިނައިން ގޯލްޖަހާފައިވާ ޓީމު
  • ދައްކާފައިވާ ކާޑުތަކަށް ބަލައިގެން އެންމެ ފެއަރ ޕްލޭ ބޮޑު ޓީމު

   - ޔެލޯ ކާޑު (މައިނަސް 1 ޕޮއިންޓް)
   - ދެރީނދޫ ކާޑު ހަމަވެގެން ދައްކާފައިވާ ރަތްކާޑު (މައިނަސް 3 ޕޮއިންޓް)
   - ސީދާ ރަތްކާޑު (މައިނަސް 4 ޕޮއިންޓް)
   - އެއް ރީނދޫކާޑު ދައްކާފައިވަނިކޮށް ދައްކާފައިވާ ސީދާ ރަތްކާޑު (މައިނަސް 5 ޕޮއިންޓް)

  • ގުރުލުން 

މުބާރާތުގައި ހޮވާނެ މަޤާމުތައް

22

1.  ޗެމްޕިއަން ޓީމް

2.  ރަނަސްއަޕް ޓީމް

3.  ފެއަރ ޕްލޭ ޓީމް

4.  ފެއަރ ޕްލޭ ކުޅުންތެރިޔާ

5.  އެންމެ އުއްމީދީ ކުޅުންތެރިޔާ

6.  އެންމެ މޮޅު ގޯލްކީޕަރު

7.  އެންމެ މޮޅު 5 ކުޅުންތެރިން

8.  އެންމެ މޮޅު ކުޅުންތެރިޔާ

9.  އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާ

10. އެންމެ މޮޅު ކޯޗް

ފައިސާގެ އިނާމުގެ ތަފްސީލް

   - ޗެމްޕިއަން ޓީމް: 50،000$

   - ރަނާރސްއަޕް ޓީމް: 25،000$